އަތޮޅުތަކުގެ ވިޔަފާރިވެރިން މެދުވެރިކޮށް އަސާސީ މުދާ ފޯރުކޮށްދޭން އެސްޓީއޯއިން ފަށައިފި

Atholhuthakuge viyafaariverin medhuveerikoh asaasee mudhaa foarukohdheyn STO in fashaifi

ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދުވަހުން ދުވަހަށް ބޭނުންކުރާ މުހިންމު ބާވަތްތައް އަތޮޅުތަކުގެ ރައްޔިތުންނަށް ހެޔޮ އަގުގައި މެދުކެނޑުމެއް ނެތި ލިބޭނެ މަގު ފަހިކޮށްދިނުމަށްޓަކައި، ރަށްރަށުގެ އޭޖެންޓުން މެދުވެރިކޮށް މުދާ ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރަސްމީކޮށް ފަށައިފިއެވެ.

މި އިންތިޒާމަކީ ދިވެހިރާއްޖޭގެ އަސާސީ މުދަލުގެ ގޮތުގައި ބަލާ ބާވަތްތަކުގެ އަދަދު 26 އިން 80 އަށް އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން ގެނައި ބަދަލެކެވެ. އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، ރައީސްގެ އެ ނިންމެވުމާ އެއްގޮތަށް އެސްޓީއޯއިން މިހާރު ވަނީ މި 80 ބާވަތުގެ މުދާ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފަށާފައެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް މި ތަކެތި ހެޔޮ އަގުގައި ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖައްސަނީ ރަށްރަށުގައި ހިންގާ އަމިއްލަ ވިޔަފާރިތަކާ ގުޅިގެންނެވެ. އެގޮތުން އެސްޓީއޯއިން ސީދާ ރަށްރަށުގައި ފިހާރަ ހުޅުވައިގެން މުދާ ވިއްކުމުގެ ބަދަލުގައި، ރަށުގެ ވިޔަފާރިވެރިންނަށް ހޯލްސޭލް ރޭޓުގައި މުދާ ދޫކުރުމުން، އެ ފަރާތްތަކުން ކަނޑައެޅޭ ކޮންޓްރޯލް އަގުތަކެއްގައި ރައްޔިތުންނަށް މުދާ ވިއްކާނެއެވެ. މި އުސޫލުގެ ސަބަބުން ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރަށް ބާރުވެރިވެ، ކުރިއަރައި ދިއުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރައްވައެވެ.

މި ނިޒާމު ހަރުދަނާކަމާއެކު ހިންގުމަށްޓަކައި، އެކި ރަށްރަށުން އެސްޓީއޯގެ މުދާ ދޫކުރާނެ އޭޖެންޓުންގެ ގޮތުގައި ހަމަޖައްސާފައިވާ ފަރާތްތަކުގެ ލިސްޓު އެ ކުންފުނިން މިހާރު ވަނީ އާންމުކޮށްފައެވެ.

އަލަށް ކަނޑައެޅި އަސާސީ 80 ބާވަތުގެ ތެރޭގައި ހިމެނެނީ:

  • 20 ބާވަތުގެ މޭވާ
  • 20 ބާވަތުގެ ތަރުކާރީ
  • އާންމުކޮށް ގޭބިސީތަކުގައި ކެއްކުމަށާއި ކެއުމަށް ބޭނުންކުރާ 37 ބާވަތެއްގެ ކާބޯތަކެތި
  • ކާބޯތަކެތީގެ އިތުރުން ހިމެނޭ އަސާސީ 3 ބާވަތެއް

މި އައު ނިޒާމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރަށް ވަރުގަދަވެ، ދަތިކަމެއް ނެތި ރައްޔިތުންނަށް ބޭނުންވާ ތަކެތި ލިބެމުންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. މިއީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އަސާސީ ޚިދުމަތްތައް ލުއިފަސޭހަކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted