އަތޮޅު އީސްޕޯޓްސް ލީގުގެ ތަށި ފޮނަދޫ ޑީއެމްޒެޑް ހޯދައިފި

Atholhu Esports leagu ge thashi Fonadhoo DMZ hoadhaifi

ރާއްޖޭގެ އެކި ކަންކޮޅުތަކުން ޕަބްޖީ މޮބައިލްގެ އެންމެ މޮޅު ޓީމުތައް ވާދަކުރި އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް ލީގު 2026 ގެ ދެވަނަ މުބާރާތުގެ ޗެމްޕިއަންކަން ލ. ފޮނަދޫ ޑީއެމްޒެޑް ހޯދައިފިއެވެ.

ވާދަވެރި މެޗުތަކަކަށްފަހު ފޮނަދޫ ޓީމުން ތަށި އުފުލައިލިއިރު، މުބާރާތުގެ ފުރަތަމަ ރަނަރަޕްގެ މަގާމު ހޯދީ ށ. ކޮމަންޑޫ ޔޫކޭ އެންޖީ އެވެ. އަދި ދެވަނަ ރަނަރަޕްގެ މަގާމު ކަށަވަރުކުރީ ކ. ކާށިދޫ އެމްޖީއެސްސީ އެވެ.

މި މުބާރާތް ރަސްމީކޮށް ނިންމައި އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާސްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރެވެ. މީގެއިތުރުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝާދީ ޤަވާސްމީ އާއި، ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް އީސްޕޯޓްސް އެސޯސިއޭޝަންގެ ރައީސް އިސްމާއީލް އަޒްމީ އަދުނާންގެ އިތުރުން އަތޮޅު ކައުންސިލްތަކުގެ މަންދޫބުންނާއި ވާދަކުރި ޓީމުތަކުގެ މެންބަރުންވެސް ބައިވެރިވިއެވެ.

އުރީދޫން މައުލޫމާތު ދިން ގޮތުގައި މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ އެކި ރަށްތައް ތަމްސީލުކުރި 48 ޓީމަކުން ހަ ގްރޫޕެއްގައި ވާދަކޮށްފައިވެއެވެ. އަދި ޗެމްޕިއަންކަން ކަނޑައެޅުމަށް ޖުމްލަ 75 މެޗު ކުޅެފައިވެއެވެ. މުޅި މުބާރާތުގައި ދެއްކި މޮޅު ކުޅުމަށް ބަލައި އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ މޯސްޓް ވެލިއުއަބަލް ޕްލޭޔާ (އެމްވީޕީ) ގެ މަގާމު ހާސިލުކުރީ އެސްޑީއެމްޒެޑްފްލޭންކީ އެވެ.

އަތޮޅު އީސްޕޯޓްސް ލީގުގެ ފުރަތަމަ އެޑިޝަނަށް ލިބުނު ބޮޑު ތަރުހީބަށް ބަލައި ކުރިއަށްގެންދިޔަ މި މުބާރާތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުނަރުވެރި ގޭމަރުންނަށް ގައުމީ ފެންވަރުގައި ވާދަކޮށް، އަމިއްލަ ރަށާއި އަތޮޅު ތަމްސީލުކުރުމަށް ފަހިކޮށްދިން މުހިންމު ޕްލެޓްފޯމެކެވެ. މުބާރާތުގެ މެޗުތައް އުރީދޫ ނޭޝަން ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަގުތުން ދެއްކުމުން، އެކި ރަށްރަށުގައި ތިބި ސަޕޯޓަރުންނާއި ގޭމިން މުޖުތަމައަށް މެޗުތައް ބަލައިލުމުގެ ފުރުސަތު ފަހިވެގެންދިޔައެވެ.

އުރީދޫން ފާހަގަކުރި ގޮތުގައި މި މުބާރާތް ކާމިޔާބުކަމާއެކު ނިންމައިލެވުމަކީ، ޑިޖިޓަލް މޯލްޑިވްސް ތަސައްވުރުގެ ދަށުން ކުރިއަރަމުން އަންނަ ޒުވާން ޑިޖިޓަލް ހުނަރުވެރިން ބާރުވެރިކުރުވައި، ރާއްޖޭގައި އީސްޕޯޓްސްގެ ވަރުގަދަ މުޖުތަމައެއް ބިނާކުރުމަށް އެ ކުންފުނިން ދޭ އަހައްމިއްޔަތުކަން ހާމަވާ ކަމެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted