ރާއްޖޭގެ ކަނޑުފަޅުގެ އެއް ޕަސެންޓު ވެސް އަދި ހިމާޔަތެއް ނުކުރެވޭ ކަމަށް ދިރާސާއަކުން ދައްކައިފި
Raajjeyge kandufalhuge eh percent vess adhi himaayatheh nukureveye kamah dhiraasaa akun dhhakaifi

ދިވެހިރާއްޖޭގެ ކަނޑުފަޅުތަކުގެ އެންމެ އިންސައްތައެއް ވެސް އަދި ހިމާޔަތްކުރެވިފައި ނުވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. މި މައުލޫމާތު ހާމަކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިގްތިޞާދީ ކޮމިޓީއާއި ތިމާވެށީގެ ކޮމިޓީ ގުޅިގެން ބޭއްވި ބައްދަލުވުމެއްގައި، މޯލްޑިވްސް ރެޒިލިއަންޓް ރީފްސް ޖަމިއްޔާގެ ފަރާތުންނެވެ.
އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު ޝާހާ ވިދާޅުވީ، ރާއްޖޭގައި ހިމާޔަތްކޮށް ރައްކާތެރިކުރަންޖެހޭ ސަރަހައްދުތައް އެބަހުރި ކަމަށާއި، ނަމަވެސް މިހާތަނަށް ކަނޑުފަޅުގެ އެންމެ ޕަސެންޓެއް ވެސް އެކަށީގެންވާ ގޮތެއްގައި ހިމާޔަތްކުރެވިފައި ނުވާ ކަމަށެވެ. އަދި ސައިންސްގެ އަލީގައި ދައްކާ ގޮތުގައި މަދުވެގެން 30 އިންސައްތަ ރަނގަޅަށް ހިމާޔަތްކޮށްގެން ނޫނީ ގުދުރަތީ މާހައުލުން ލިބެންޖެހޭ އިކޮލޮޖިކަލް ސާވިސަސް ނުވަތަ ހިލޭ ލިބޭ ގުދުރަތީ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ނުލިބޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރާއްޖޭގައި މަސްވެރިކަން މޮނިޓާކޮށް ބެލެހެއްޓޭނެ ރަނގަޅު ނިޒާމެއް އޮތް ނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކާ އެއްވަރަށް އެ މަސައްކަތް ކުރިއަށް ނުދާކަން ޝާހާ ފާހަގަކުރެއްވިއެވެ. ކަނޑުގެ ހާލަތަށް އަހަރުތަކެއް ވަންދެން ބަދަލުތައް އަންނަމުންދާކަން އެނގޭއިރުވެސް، މަސްވެރިކަން ބެލެހެއްޓުމުގައި މޫސުމީ އަދި ދިރުންތަކުގެ މާހައުލާ ބެހޭ މައުލޫމާތު ނިޒާމީ ގޮތެއްގައި ބޭނުންނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު، މަސް އުޅޭ ސަރަހައްދުތައް ބަދަލުވި ނަމަވެސް، މަސްބާނާ މިންވަރު ކަނޑައެޅުމުގައާއި އެކަން ބެލެހެއްޓުމުގައި މޫސުމީ ބަދަލުތަކަށް ސީދާ ގޮތެއްގައި ރިއާޔަތް ނުކުރެވޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޝާހާ އިތުރަށް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން ބިނާވެފައިވާ ފަރުތަކާއި ކަނޑުގެ ދިރުންތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އަދި ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން މަސް އުޅޭ ސަރަހައްދުތަކަށާއި އާލާވާ މިންވަރަށް ބަދަލުތައް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ގާހުދުވުމުގެ ސަބަބުން ފަރުތަކުގައި އުޅޭ ދިރުންތަކާއި އެން އުޅޭ މާހައުލު އެއްކޮށް ނެތިދިއުމުގެ ބިރު އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތް 50 އަހަރުތެރޭ ފަރުތައް ނެތިދިއުމުގެ ބިރު
ދުނިޔޭގެ ތިމާވެށި ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާ (އައިޔޫސީއެން) އިން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، ކުރިއަށް އޮތް 50 އަހަރުގެ ތެރޭގައި ދުނިޔޭގެ ތިލަ ސަރަހައްދުތަކުގައިވާ ގާތްގަނޑަކަށް ހުރިހާ ފަރެއް އެއްކޮށް ހަލާކުވެ، ނެތިދިއުމުގެ ބިރު ވަނީ ވަރަށް ބޮޑުވެފައެވެ.




