އެފްވައިއެފްސީ 2026: ގޯޅިއަންސް ދެވަނަ މެޗުން ވެސް މޮޅުވެ، އުންމީދާއެކު ކުރިއަށް

FYFC 2026: Goalhians 2 vana match inves molhuve, ummeedhaai eku kuriah

ލ. ފޮނަދޫގައި މިހާރު ކުރިއަށްދާ އެ އަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ”ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2026“ ގެ ގްރޫޕް އޭގައި މިއަދު ހަވީރު ކުޅުނު މެޗުން ކަންމަތި ސްޕޯޓްސް ކްލަބުގެ މައްޗަށް 0-3 ގެ ނަތީޖާއަކުން ކުރިހޯދައި، ގޯޅިއަންސް މުބާރާތުގެ އުންމީދު ބޮޑުކޮށްފިއެވެ.

މިއީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމުން ވެސް ކުޅުނު ދެވަނަ މެޗެވެ.

މިއަދުގެ މެޗު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ގޯޅިއަންސް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގެ ދެވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ހުސައިން މައިޝަންއެވެ. އޭގެ ފަސް މިނެޓު ފަހުން، މެޗުގެ އަށްވަނަ މިނެޓުގައި ޔޫސުފް ޝާއިފް ވަނީ އިތުރު ލަނޑެއް ޖަހައި ގޯޅިއަންސްގެ ލީޑު ފުޅާކޮށްދީފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ދެވަނަ ހާފު ނިމެން ދަނިކޮށް، ގޯޅިއަންސްގެ ތިންވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޔޫސުފް ޝާއިފްއެވެ.

މި މޮޅާއެކު ގޯޅިއަންސް ވަނީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފައެވެ. މުބާރާތުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ވަނީ 0-4 ގެ ނަތީޖާއިން މާހިންނެ ޔުނައިޓެޑް ބަލިކޮށްފައެވެ. އަނެއްކޮޅުން، ކަންމަތި ސްޕޯޓްސް ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ 2-4 ގެ ނަތީޖާއިން ކުލަމަޖާ އެސްސީގެ މައްޗަށް ކާމިޔާބީ ހޯދާފައެވެ.

މި މުބާރާތުގައި މިރޭ ވެސް ފޯރިގަދަ ތިން މެޗެއް ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ. އެގޮތުން މިރޭ 20:15 ގައި ކިންގް އެސްސީ ނުކުންނާނީ ކިޔުއެމް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އަދި 21:15 ގައި މާހިންނެ ޔުނައިޓެޑާއި ކުލަމަޖާ އެސްސީ ބައްދަލުކުރާއިރު، 22:15 ގައި ކުޅޭ މެޗުގައި ވާދަކުރާނީ އަލު ބައްތި އެސްސީ އަދި ބެސްޓް ޖޭއާރެވެ.

ޖުމްލަ 10 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެވެ. މުބާރާތް އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދޭ ގޮތުގައި ގްރޫޕް ސްޓޭޖަށްފަހު ކުއާޓާ ފައިނަލްގެ ބުރެއް ނޯންނާނެއެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް މި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، ސީދާ ސެމީ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ރެއެވެ. އަދި ފައިނަލް މެޗު އޮންނާނީ މި މަހުގެ 10 ވަނަ ދުވަހުގެ ރޭގައެވެ.

ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ 7 ވަނަ އެޑިޝަންގެ ޗެމްޕިއަން ޓީމަށް މެދުއަވަށު ސްޕޯޓްސް ކްލަބުން 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ 25،000 ރުފިޔާ ހަމަޖައްސާފައެވެ. މީގެއިތުރުން ގްރޫޕް މަރުހަލާ ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ސެމީ ފައިނަލަށް ދަތުރުކުރާ ހަތަރު ޓީމަށާއި ފައިނަލަށް ދާ ދެ ޓީމަށް ވެސް ޚާއްސަ ފައިސާގެ އިނާމުތަކެއް ދިނުމަށް ވަނީ ނިންމާފައެވެ.

މި މުބާރާތް މައިގަނޑު ގޮތެއްގައި ލ. އަތޮޅުގެ ކުޅުންތެރިންނަށް ހާއްސަކުރެވިފައި ވީނަމަވެސް، ކޮންމެ ޓީމަކަށް ވެސް އެހެން އަތޮޅުތަކަށް ނިސްބަތްވާ 4 ކުޅުންތެރިން ހިމެނުމުގެ ފުރުސަތު އޮވެއެވެ. މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ޕަސްކުއާލްއެވެ. އަދި މީޑިއާ ޕާޓްނަރަކީ ”ލާމު އެމްވީ“ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted