އަންނަ އަހަރުގެ ބަޖެޓުގެ މަސައްކަތް މިމަހުގެ 19 ގެ ކުރިން ނިންމަން ފާސްކޮށްފި
Anna aharuge budget ge masakkaiy mimahuge 19 ge kurin nimman faaskohfi

އަންނަ 2027ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މިއަދު ބޭއްވި ބަޖެޓު ކޮމިޓީގެ ބައްދަލުވުމުގައި މިގޮތަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ. މެންބަރު މަމްދޫހު ހުށަހެޅުއްވީ މި ހިނގާ ނޮވެމްބަރު މަހުގެ 19ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓު ދިރާސާކޮށް ނިންމުމަށެވެ. މި ހުށަހެޅުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ތާއީދު ކުރެއްވިއިރު، ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ އެ ހުށަހެޅުން ފާސްކޮށްފައެވެ.
ސަރުކާރުން 2027ވަނަ އަހަރަށް ހުށަހަޅާފައިވަނީ ޖުމްލަ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ ސީދާ އަދަދުން ބަލާނަމަ 59,704,440,795 ރުފިޔާއެވެ. މިއީ މިއަހަރަށް މަޖިލީހުން ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.
ހުށަހަޅާފައިވާ ބަޖެޓުގެ ތަފްސީލަށް ބަލާއިރު، ދައުލަތުގެ ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 52.6 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދެވެ. އެގޮތުން ރިކަރަންޓް ޚަރަދަށް 42.7 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
މީގެއިތުރުން ދައުލަތުގެ ތަރައްގީގެ މަޝްރޫއުތައް ހިމެނޭ ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކަށް ކަނޑައަޅާފައިވަނީ 8.2 ބިލިއަން ރުފިޔާއެވެ.




