މަނީ އެކްސްޗޭންޖަރުންގެ މަސައްކަތް މޮނީޓާ ކުރާނެ ޒަމާނީ ސިސްޓަމެއް ތައާރަފުކޮށްފި

Money exchangerun ge masakkaiy monitor kuraane zamaanee syatem eh tha'araf kohfi

ރާއްޖޭގައި މަނީ އެކްސްޗޭންޖް ވިޔަފާރިކުރާ ފަރާތްތަކުގެ މަސައްކަތްތައް މޮނީޓާކޮށް، ގަވާއިދުން ރިޕޯޓް ކުރެވޭނެ ހާއްސަ ޒަމާނީ ސިސްޓަމެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު އިފުތިތާހު ކޮށްފި އެވެ.

”މަނީ ޗޭންޖާ ސިސްޓަމް“ ގެ ނަމުގައި ތައާރަފުކުރި މި ޕްލެޓްފޯމް އިފުތިތާހު ކޮށްދެއްވީ ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީ އެވެ.

އެމްއެމްއޭއިން ހާމަކުރި ގޮތުގައި މި ސިސްޓަމަކީ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގާ ފަރާތްތަކުގެ އިދާރީ އަދި އޮޕަރޭޝަނަލް މަސައްކަތްތައް ޑިޖިޓަލްކޮށް، ޒަމާނީ ފެންވަރަކަށް ގެންދިއުމަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ.

މީގެ ސަބަބުން މަނީ އެކްސްޗޭންޖިން ވިޔަފާރީގެ ކަންކަން ސުޕަވައިޒްކޮށް ބެލެހެއްޓުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބި، މުޅި މާލީ ދާއިރާ އިތުރަށް ހަރުދަނާވުމަށް މަގުފަހިވެގެންދާނެ އެވެ.

މި ނިޒާމާ ގުޅޭ ގޮތުން އެމްއެމްއޭއިން ބުނީ، މި ސިސްޓަމްގެ ސަބަބުން އިދާރީ މަސައްކަތްތައް އޮޓޮމޭޓް ކުރެވި، އެ އޮތޯރިޓީ އާއި ލައިސަންސް އޮންނަ ފަރާތްތަކާ ދެމެދު ކުރެވޭ މުއާމަލާތްތައް އަވަސްވެ، ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މީގެ އިތުރުން ބޭރު ފައިސާ މާރުކުރުމާ ގުޅޭ އެންމެހައި މުއާމަލާތްތައް ރެކޯޑު ކުރުމަށާއި، ގަވާއިދުން އެމްއެމްއޭއަށް ހުށަހަޅަންޖެހޭ ރިޕޯޓުތަކާއި މައުލޫމާތުތައް ފަސޭހައިން ފޮނުވޭނެ އިންތިޒާމު މި ސިސްޓަމްގެ ތެރެއިން ވަނީ ހަމަޖައްސައިދީފަ އެވެ.

ރާއްޖޭގައި ކަޅުބާޒާރުގައި ޑޮލަރު ވިއްކުމުގެ މައްސަލަ ބޮޑުވެ، ހުއްދަ އޮންނަ ބައެއް ތަންތަނުން ވެސް ބޮޑު އަގުގައި ޑޮލަރު ވިއްކާ މައްސަލައިގައި ފިޔަވަޅު އަޅައި، މި ފަހުން ވެސް ބައެއް ފަރާތްތަކުގެ މަނީ އެކްސްޗޭންޖް ލައިސަންސް އެމްއެމްއޭއިން ވަނީ ބާތިލްކޮށްފަ އެވެ.

މަރުކަޒީ ބޭންކުން ނިންމާފައިވަނީ މަނީ އެކްސްޗޭންޖް ލައިސަންސް ދޫކޮށްފައިވާ ހުރިހާ ފަރާތްތަކުން ވެސް މުއާމަލާތްތައް ރެކޯޑްކޮށް، ރިޕޯޓް ކުރުމަށް އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި އާ ސިސްޓަމް ބޭނުންކުރަން ލާޒިމުވާ ގޮތަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted