އެފްވައިއެފްސީ 2026: ގްރޫޕް ސްޓޭޖު ނިމި، ސެމީ ފައިނަލްގެ ވަރުގަދަ ކުރިމަތިލުންތަކަށް ތައްޔާރުވެއްޖެ

FYFC 2026: Group stage nimi, semi final ge varugadha kurimathilun thakah thayyaruvejje

ލ.ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބު (އެފްއެމްއެސްސީ) އިން އިންތިޒާމުކޮށްގެން ބާއްވާ ލ. އަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2026 ގެ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމި، ސެމީ ފައިނަލުގެ ފޯރިގަދަ ކުރިމަތިލުންތަކަށް ޓީމުތައް ތައްޔާރުވެއްޖެއެވެ.

ޖުމުލަ 10 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދިޔަ މި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައިވަނީ ގޯޅިއަންސް، ސީއޭސީ ފުޓްސަލް ޓީމު، ފޮއެމަތި އަދި ކިންގް ސްޕޯޓްސް ކްލަބެވެ.

މުބާރާތުގެ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 9 ޕޮއިންޓް ހޯދި ގޯޅިއަންސް އެވެ. އެޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވި އިރު، އެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކުލަމަޖާ އެސްސީއާ ބައްދަލުކޮށް ގޯޅިއަންސް މޮޅުވީ 1-3 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ގޯޅިއަންސްއަށް ހުސައިން ނާޝިދު ދެ ލަނޑު ޖަހައިދިން އިރު، އަނެއް ލަނޑު ކާމިޔާބުކުރީ މުޙައްމަދު އިޔާދު އަލީއެވެ. މި މެޗުގައި ޖެހި ދެ ލަނޑާއެކު ނާޝިދު މުބާރާތުގައި ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 4 އަށް އަރައިފައެވެ. ކުލަމަޖާގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަޙުމަދު ނަޝަތެވެ.

ގްރޫޕް އޭ އިން ސެމީގެ ދެވަނަ ޖާގަ ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 8 ޕޮއިންޓް ހޯދި ސީއޭސީ ފުޓްސަލް ޓީމެވެ. ސީއޭސީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، ދެ މެޗުން ވަނީ އެއްވަރުވެފައެވެ. ރޭ ކުޅުނު ގްރޫޕްގެ ފަހު މެޗުގައި ސީއޭސީ އާއި ކަންމަތީ އެސްސީ ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މޮޅުވެގެން ސެމީއަށް ދިއުމުގެ ފުރުސަތު ކަންމައްޗަށް އޮތް ނަމަވެސް، މި އެއްވަރުވުމާއެކު ސެމީގެ ޖާގަ ލިބުނީ ސީއޭސީ އަށެވެ. މި މެޗުގައި ސީއޭސީގެ ލަނޑު މުޙައްމަދު އަލާއު ޖަހައިދިން އިރު، ކަންމަތީގެ ލަނޑު ކާމިޔާބުކުރީ އަޙުމަދު އަފްލާޒެވެ.

ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފޮއެމަތި ޓީމެވެ. ފޮއެމަތިން ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، 9 ޕޮއިންޓް ހޯދައިފައެވެ. ގްރޫޕްގެ ފަހު މެޗުގައި ކިޔުއެމް ސްޕޯޓްސްއާ ބައްދަލުކޮށް އެޓީމު ވަނީ 2-2 އިން އެއްވަރުވެފައެވެ. މި ގްރޫޕުން ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ކިންގް ސްޕޯޓްސް ކްލަބެވެ. ކިންގް ސްޕޯޓްސް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވި އިރު، ބަލިވީ ހަމައެކަނި ފޮއެމައްޗާ ދެކޮޅަށް ކުޅެ 1-3 އިންނެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭގައެވެ. ފުރަތަމަ ސެމީގައި ރޭގަނޑު 20:15 ގައި ގޯޅިއަންސް ނުކުންނާނީ ކިންގް ސްޕޯޓްސްއާ ދެކޮޅަށެވެ. އަދި ދެވަނަ ސެމީގައި ރޭގަނޑު 21:15 ގައި ބައްދަލުކުރާނީ ފޮއެމަތި އަދި ސީއޭސީ އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވާ އަންގާރަ ދުވަހުގެ ރޭގައެވެ.

ރާއްޖޭގެ ފުންނާބުއުސް ފުޓްސަލް ތަރިން ފެނިގެންދާ މި މުބާރާތަކީ ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ހަތްވަނަ މުބާރާތެވެ. ލ. އަތޮޅުގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމަށް މެދުއަވަށު ސްޕޯޓްސް ކްލަބުން ވަނީ 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅައިފައެވެ.

މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ”ލާމު އެމްވީ“ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted