އުރީދޫ ފަން ރަން: ކުލަ ޖެހުމާއި ފޯމް ޕާޓީ ހިމެނޭ މަޖާ ހަރަކާތެއް

އުރީދޫ މޯލްޑިވްސްގެ ފަރާތުން ބާއްވާ، އާއްމުންގެ މަގުބޫލުކަން އެންމެ ބޮޑަށް ލިބިފައިވާ ހަރަކާތަކީ އުރީދޫ ފަން ރަން އެވެ. މިއަހަރުގެ ފަން ރަން ބޭއްވުމަށް ހަމަޖެހިފައިވަނީ ލ.އަތޮޅުގެ ހިތްގައިމު މާހައުލުގައެވެ. މަޝްހޫރު ލ. ލިންކް ރޯޑުގައެވެ.
ފަން ރަން ގައި ބައިވެރިވާ ވާހަކަ ބުނުމުން، އެކި މީހުންގެ ފަރާތުން ޖަވާބު އަންނަނީ އެކި ގޮތަށެވެ. ”މަށަކީ ދުވާ މީހެއް ނޫން، ދުވާ ވަރަށް ފިޓެއް ނޫން، ނުދުވޭނެ، ކިތަށް ކިލޯމީޓަރު؟“ މިކަހަލަ އެތަށް ވާހަކައެއް މީހުން ދައްކައެވެ. މީގެ ޖަވާބު ވަރަށް ފަސޭހައެވެ. ފަން ރަން ގައި ހިމެނެނީ ޖުމްލަ ފަސް ކިލޯމީޓަރެވެ. ދެ ގަޑިއިރު ތެރޭގައި ނިންމަން ޖެހޭ އިރު، ހިނގާފައިވެސް، ނުވަތަ ޖޮގް ކޮށްފައިވެސް ނިންމިދާނެއެވެ. އެހެންކަމުން، މިއީ ކޮންމެ މީހަކަށްވެސް ނިންމިދާނެ، މަޖާ ހަރަކާތެކެވެ.

ފަން ރަން މަޖާ ވަނީ ކީއްވެތޯވެސް ބައެއް މީހުން އަހައެވެ. މިއީ ތަފާތު އެކި ސްޓޭޝަންތައް ހިމެނޭ މަޖާ އިވެންޓެކެވެ. އެގޮތުން، ކޮންމެ ކިލޯމީޓަރެއް ނިންމުމުން، މަޖާ ހަރަކާތެއް ކުރިޔަށް ދާނެއެވެ. އޭގެތެރޭގައި ކުލަ ސްޓޭޝަނާއި، ފޯމް ސްޓޭޝަން އަދި އޮބްސްޓެކަލް ސްޓޭޝަން ހިމެނެއެވެ. އެހެންކަމުން، މި އިވެންޓަކީ އާއިލާއާއެކު މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމަށް ވަރަށް ފުރިހަމަ އިވެންޓެކެވެ.
ލ. އަތޮޅުގެ ހިތްގައިމު މާހައުލުގައި ދުވުމާއި، މަޖާ ސްޓޭޝަންތައް ހުރުމާއި، މެޑަލް ލިބުމުގެ އިތުރުން، މި އިވެންޓް ޚާއްސަވާ އިތުރު ސަބަބެއްވެސް އެބައޮތެވެ. ޕީއެސްޖީގެ ލެޖެންޑް، ޖޭޖޭ އޮކޯޗާ މި އިވެންޓުގައި ބައިވެރިވާނެއެވެ. އެހެންކަމުން، އޮކޯޗާ އާއެކު ދުވުމުގެ ފުރުސަތު ލިބޭނެއެވެ.
އުރީދޫގެ ފަރާތުން ބާއްވާ މި ބޮޑު ހަރަކާތް ކުރިޔަށްދާނީ ޖުލައި މަހު 5 ވަނަ ދުވަހުއެވެ. އަދި، ބައިވެރިވުމުގެ ސުންގަޑި މިހާރު ވަނީ މި މަހުގެ 27 އާ ހަމަޔަށް އިތުރުކޮށްފައެވެ. މި ހަރަކާތުގައި ބައިވެރިވެވޭނީ މޫލީ މެދުވެރިކޮށެވެ.
އުރީދޫ ފަން ރަން ލާމު ކިޓްތައް ލިބެން ހުންނަ ދެ ކެޓަގަރީ އަކީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީއެވެ. ސްޓޭންޑަޑް ކިޓްގައި ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭ އިރު އަގަކީ 100ރ. އެވެ. އަދި 200ރ. އަށް ލިބޭ ފަން ކިޓްގައި ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަސް، އައިނު އަދި ބަންޑާނާ ހިމެނެއެވެ.
މި އިވެންޓަކީ ބައިވެރިނުވެ ދޫކޮށްލާވަރުގެ އިވެންޓެއް ނޫނެވެ. އެޔަށްވުރެ މާ މަޖާ، ފުރިހަމަ އިވެންޓެކެވެ.