މޯލްޑިވްސް ސްޕޯޓްސް އެވޯޑަށް، ލ. ގަމު ޖުނާ ނޮމިނޭޓް ވެއްޖެ

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024 އަށް، ލ. ގަމުގެ ޒުވާން ހޭންޑްބޯޅަ ކުޅުންތެރިޔާ، ފާތިމަތު ޖުނާ ނޮމިނޭޓް ވެއްޖެއެވެ.

ރާއްޖޭގައި ބާއްވާ އެންމެ ޝަރަފްވެރި ކުޅިވަރު އެވޯޑަށް ޖުނާ ނޮމިނޭޓް ވެފައިވަނީ މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ހޭންޑްބޯޅަ ކުޅުންތެރިޔާގެ މަޤާމަށެވެ. ޖުނާގެ އިތުރުން މި އެވޯޑަށް ނޮމިނޭޓް ވެފައިވަނީ ރަފާހާ އިބްރާހިމް އާއި ފާތިމަތު އަރޫޝާ އެވެ.

އެވޯޑަށް ނޮމިނޭޓްވި ކުޅުންތެރިން

ސްޕޯޓްސް އެވޯޑަށް ކުޅުންތެރިން ނޮމިނޭޓް ކުރަނީ، އެ ކުޅުންތެރިއެއް ނިސްބަތްވާ އެސޯސިއޭޝަނުންނެވެ. އެގޮތުން، ހޭންޑްބޯޅަ ކުޅުންތެރިންގެ ނަން ހުށަހަޅާފައިވަނީ ހޭންޑްބޯލް އެސޯސިއޭޝަނުންނެވެ. މި އެވޯޑަށް ނޮމިނޭޓް ކޮށްފައިވަނީ، މިދިޔަ އަހަރު ކުރިޔަށްދިޔަ ބައިނަލްއަޤުވާމީ މުބާރާތްތަކާއި، ރާއްޖޭގައި ބޭއްވުނު ބޮޑެތި މުބާރާތްތަކުގައި އެންމެ ރަނގަޅަށް ކުޅުނު ކުޅުންތެރިންނެވެ.

މިދިޔަ އަހަރު ހޭންޑްބޯލް އެސޯސިއޭޝަނުން ބޭއްވި ބޮޑެތި މުބާރާތްތަކުގައި ޖުނާ ވަނީ މޮޅު ކުޅުމެއް ދައްކައި، ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން، ޖުނާ ވަނީ ރެޑްހޯކްސް ސްޕޯޓްސް ކްލަބާއެކު 6 ވަނަ މައިލޯ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން ހޯދާފައެވެ. މި މުބާރާތުގެ އެންމެ މޮޅު ރައިޓް ބެކަކަށް ހޮވުނީވެސް ޖުނާ އެވެ.

މިދިޔަ އަހަރު ކުރިޔަށް ދިޔަ ބައެއް އިތުރު މުބާރާތްތަކަށް ބަލާއިރު، ޖުނާ ވަނީ ވެމްކޯ އާއެކު މައިލޯ އިންޓަ އޮފީސް ހޭންޑްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޝަނުގެ ރަނަރަޕްކަންވެސް ހޯދާފައެވެ. މި މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ޖުނާ ހިމެނިފައިވެއެވެ.

ޖުނާ ވަނީ ރެޑްހޯކްސް އާއެކު، 10 ވަނަ ޤައުމީ ހޭންޑްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ރަނަރަޕް ކަންވެސް ހޯދާފައެވެ. މި މުބާރާތުގެ އެންމެ މޮޅު ރައިޓް ވިންގަކަށް ހޮވިފައިވަނީވެސް ޖުނާ އެވެ. މީގެއިތުރުންވެސް ޖުނާ ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދިޔަ މުބާރާތްތަކުގައި ވާދަކޮށް، ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

 

މޯލްޑިވްސް ސްޕޯޓްސް އެވޯޑް ކުރިޔަށްދާނީ ޖުލައި މަހު ހަތަރުވަނަ ދުވަހުއެވެ. މިއަހަރުވެސް18 ކުޅިވަރު އެސޯސިއޭޝަނެއްގެ މޮޅު ކުޅުންތެރިން ހޮވައި، އަހަރުގެ އެންމެ މޮޅު އެތުލީޓުވެސް ހޮވާނެއެވެ.

 

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments