ފޮނަދޫ ބަލިކޮށް، ތުނޑިން ފެށުން ރަނގަޅުކޮށްފި

އުރީދޫ ލާމަސީލު ލާމު ފުޓުބޯޅަ މުބާރާތުގައި، ފޮނަދޫ ފުޓުބޯޅަ ކްލަބް ބަލިކޮށް ތުނޑީ ފުޓުބޯޅަ ކްލަބުން ފެށުން ރަނގަޅުކޮށްފި އެވެ.
ރޭ ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗުން، ފޮނަދޫ ކައިރިން ތުނޑި މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗު ފެށިގެން، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ ތުނޑީ ޓީމުންނެވެ. އެގޮތުން، އެ ޓީމުން ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.
މެޗުގެ 37 ވަނަ މިނެޓުގައި ތުނޑީ ޓީމުން ކުރި އެޓޭކެއްގައި، ފޮނަދޫ ޓީމުގެ އަހުމަދު އިސްމާއިލް އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފަ އެވެ. މިއާއެކު، މެޗުގެ އޮއެވަރަށް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. އޭގެ ފަސް މިނެޓު ފަހުން، އަހުމަދު ރިޒުވާން (ރިޒޭ) ވަނީ ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްފަ އެވެ. ތުނޑީ ޓީމުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ފަރަގަކާއެކު އެވެ.
ދެވަނަ ހަފު ފެށިގެންވެސް ތުނޑީ ޓީމުން ކުޅުނީ އިތުރު ލަނޑުތަކެއް ޖެހުމަށެވެ. އެގޮތުން، ހާފު ފެށިގެން ހަ މިނެޓުގެ ތެރޭގައި އަލީ އިރުޝާދު ވަނީ ލަނޑެއް ޖަހައި، ތިން ލަނޑުގެ ފަރަގެއް ހޯދަދީފަ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ތުނޑީ ޓީމުގެ އަބްދުﷲ ޖުނެއިދު (ޖޭންނެ) އެވެ.
މިއަދުވެސް މި މުބާރާތުގެ ފޯރިގަދަ މެޗުތަކެއް ކުޅޭނެ އެވެ. އެގޮތުން، މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވަނީ މަތިމަރަދޫ އާއި ސޮލާހު ސްޕޯޓްސް އެކަޑަމީ ބައްދަލުކުރާ މެޗެވެ. އަދި މިރޭ ދަނބިދޫ ނިކުންނާނީ މާމެންދުއާ ދެކޮޅަ ށެވެ.