ކުނަހަންދޫ ބަލިކޮށް، މަތިމަރަދޫ ސެމީ އަށް

އުރީދޫ ލާމަސީލު ލާމު ފުޓުބޯޅަ މުބާރާތުގައި، 3-0 ގެ ނަތީޖާއަކުން ކުނަހަންދޫ ބަލިކޮށް، މަތިމަރަދޫން ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފި އެވެ.
މަތިމަރަދޫން ސެމީގެ ޖާގަ ކަށަވަރުކޮށްފައިވަނީ ބާކީ އެއް މެޗު އޮއްވައެވެ. އަދި ކުނަހަންދޫ ބަލިވުމާއެކު، މި ގުރޫޕުގައި ހިމެނޭ އިސްދުއަށްވެސް ވަނީ ސެމީގެ ޖާގަ ކަށަވަރުވެފަ އެވެ. މަތިމަރަދޫ އާއި އިސްދުއަށް ވަނީ ހަ ޕޮއިންޓު ލިބިފަ އެވެ.
އަންގާރަ ދުވަހު ހަވީރު ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށިގެން، ދެ ޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ކުރީކޮޅު އެއްވެސް ޓީމަކަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، މެޗުގެ 19 ވަނަ މިނެޓުގައި ނާއިޒް ހަސަން (ދާދު) ވަނީ ލަނޑެއް ޖަހައި، މަތިމަރަދުއަށް ކުރިހޯދަދީފަ އެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ފަރަގަކާއެކު އެވެ.
ދެވަނަ ހާފު ފެށިއިރު މަތިމަރަދޫން ވަނީ އަލީ އަކުރަމްގެ ބަދަލު، އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) ކުޅެން ނެރެފަ އެވެ. މިއާއެކު، މަތިމަރަދޫ ޓީމުގެ އެޓޭކު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ.
ހާފު ފެށިގެން އަށްވަނަ މިނެޓުގައި ބައްކު ތަނަވަސްކޮށްދިން ފުރުސަތަކުން އަބްދުލް ފަރީސް (ފަރިއްޓެ) ވަނީ ލަނޑެއް ޖަހައި، މަތިމަރަދުއަށް ލީޑު ފުޅާކޮށްދީފަ އެވެ. އަދި އޭގެ ތިން މިނެޓު ފަހުން ފަރިއްޓެ ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މަތިމަރަދޫ ޓީމުގެ ކެޕްޓަން، މުހައްމަދު ސާބިގް (އުއްކު) އެވެ. މަތިމަރަދޫން ކުޅުނު ދެ މެޗުގެވެސް މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އުއްކު އެވެ.
ގުރޫޕުގެ އެއްވަނަ ކަށަވަރުވާނީ މަތިމަރަދޫ އާއި އިސްދޫ ބައްދަލުކުރާ މެޗަށްފަހު އެވެ. މިވަގުތު ދެ ޓީމު ވަނީ ޕޮއިންޓުންނާއި ފައިދާ ގޯލުންވެސް އެއްވަރުވެފަ އެވެ.