20 އަހަރުން ދަށުގެ ޤައުމީ ޓީމުގައި ލ.އަތޮޅު ނަވާފް އާއި އިފުހާމް ހިމެނިއްޖެ

ނޭޕާލުގައި ފެށުމަށް ހަމަޖެހިފައިވާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ޤައުމީ ފުޓުބޯޅަ ޓީމުގައި، ލ. މާބައިދޫ އަހުމަދު ނަވާފް ފައުޒީ އާއި ލ. ފޮނަދޫ އަހުމަދު އިފުހާމް މުހައްމަދު ހިމެނިއްޖެ އެވެ.
އިފުހާމް އަކީ މިއަހަރުގެ ޖޫން މަހު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިޔަށް ގެންދިޔަ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގެ ޗެމްޕިއަން، ޓީސީ އަށް ކުޅުނު ކުޅުންތެރިއެކެވެ. އަދި ނަވާފް އަކީ މުބާރާތުގެ ރަނަރަޕް ޓީމު ކަމުގައިވާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކުޅުންތެރިއެކެވެ. އިފުހާމް ގޯލްކީޕަރަށް ކުޅޭއިރު، ނަވާފް އަކީ ޑިފެންޑަރެކެވެ. މި ދެ ކުޅުންތެރިންވެސް ވަނީ އެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. އަދި މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި ނަވާފް ވަނީ ހިމެނިފަ އެވެ.
ޤައުމީ ޒުވާން ޓީމާއެކު ނަވާފް އާއި އިފުހާމް ވަނީ ބުދަ ދުވަހު ނޭޕާލަށް ދަތުރުކޮށްފަ އެވެ. މި މުބާރާތަށް ދަތުރުކޮށްފައިވަނީ 23 ކުޅުންތެރިންގެ ސްކޮޑެކެވެ. ޓީމުގެ ހެޑް ކޯޗަކީ އަހުމަދު ޝާކިރު (ޝާކިއްޓެ) އެވެ.
ޖުމަލް ހަ ޓީމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ގުރޫޕު ”ބީ“ ގައެވެ. ރާއްޖޭގެ އިތުރުން ދެން މި ގުރޫޕުގައި ހިމެނެނީ އިންޑިއާ އާއި ބޫޓާން އެވެ. ގުރޫޕު ”އޭ“ ގައި ހިމެނެނީ ސްރީ ލަންކާ އާއި ބަންގްލަދޭޝްގެ އިތުރުން، މުބާރާތް ބާއްވާ ޤައުމު ކަމުގައިވާ ނޭޕާލް އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ނިކުންނާނީ ބޫޓާން އާ ދެކޮޅަ ށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހު، ރާއްޖެ ގަޑިން 15:15 ގައެވެ.