ބޮޑު މޮޅަކާއެކު، ޖީއާރުއެޗުން އުއްމީދު އައުކޮށްފި

ގަމު ކައުންސިލް އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތް 2024 ގެ އަންހެން ޑިވިޝަނުގައި، ތަފާތު ބޮޑު ނަތީޖާއަކުން ގޯޅި ސްޕޯޓްސް ކްލަބް ބަލިކޮށް، ގަމު ރީޖަނަލް ހޮސްޕިޓަލް (ޖީއާރުއެޗް) އިން ސެމީ ފައިނަލަށް ދިއުމުގެ އުއްމީދު އައުކޮށްފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ޖީއާރުއެޗް ވަނީ އައުޓްރީފް ސްޕޯޓްސް ކްލަބް އަތުން ބަލިވެފައެވެ. ނަމަވެސް، އެ ޓީމުން ވަނީ ރޭ 26-1 ގެ ނަތީޖާއަކުން ގޯޅި ބަލިކޮށް، ސެމީ ފައިނަލާ ގާތަށް ޖެހިލާފައެވެ.

މަތިމަރަދޫ ދަނޑުގައި ރޭ ކުޅުނު މެޗު ފެށުނީއްސުރެ ޖީއާރުއެޗުން ވަނީ މެޗުގެ ފުރިހަމަ ކޮންޓްރޯލް ހޯދާފައެވެ. އެގޮތުން، ފުރަތަމަ ހާފުގައި އެ ޓީމުން 14 ލަނޑު ޖަހާފައިވާއިރު، ގޯޅި އަށް ޖެހުނީ އެންމެ ލަނޑެކެވެ. އަދި ދެވަނަ ހާފުގައި ޖީއާރުއެޗުން ވަނީ ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފަހައްޓައި، ގޯޅި ކޮޅަށް 12 ލަނޑު ޖަހާފައެވެ.

މި މެޗުގައި ޖީއާރުއެޗްގެ އާމިނަތު އައިނާޝް ވަނީ 11 ލަނޑު ޖަހާފައެވެ. އަދި މަރިޔަމް ޝިފްނާ އާއި ފާތިމަތު މަޒިއްޔާ އިންކުރެ ކޮންމެ ކުޅުންތެރިއެއް ވަނީ ހަތަރު ލަނޑު ޖަހާފައެވެ. މީގެއިތުރުން، އާއިޝަތު ސަނާ އާއި އާމިނަތު ލިއުޝާ ދެ ލަނޑު ޖަހާފައިވާއިރު، އަނެއް ދެ ލަނޑު ޖެހީ މަރިޔަމް ޝިޒާނާ އާއި އާމިނަތު ހުސައިން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އައިނާޝް އެވެ.

މި މެޗުގައި ގޯޅި ޓީމުގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ އާއިޝަތު ރާއިފާ އެވެ. މި މެޗުން ބަލިވުމާއެކު، ގޯޅި ވަނީ މުބާރާތުން ކަޓާފައެވެ.

ގުރޫޕު ”އޭ“ އިން އައުޓްރީފް ސެމީ ފައިނަލަށް ދަތުރުކޮށްފައިވާއިރު، ދެވަނަ ޖާގަ ލިބޭނީ މިއަދު ހަވީރު އަމިގޯސް އާއި ޖީއާރުއެޗް ބައްދަލުކޮށްގެން މޮޅުވާ ޓީމަކަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments