ކަލައިދޫ ޑަބްލިޔުޑީސީ ބަލިކޮށް، އައުޓްރީފް ފައިނަލަށް

މިހާރު ކުރިޔަށްދާ ގަމު ކައުންސިލް އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތް 2024 ގެ ސެމީ ފައިނަލުގައި ކަލައިދޫ ޑަބްލިޔުޑީސީ ބަލިކޮށް، ފައިނަލުގެ ފުރަތަމަ ޖާގަ އައުޓްރީފް ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.
އައުޓްރީފަކީ މިއަހަރުގެ މުބާރާތުގެ އަންހެން ޑިވިޝަނުން، ސައްތަ އިން ސައްތަ ރެކޯޑަކާއެކު ފައިނަލަށް ދަތުރުކުރި ހަމައެކަނި ޓީމެވެ. އެ ޓީމު ސެމީ އަށް ދަތުރުކޮށްފައިވަނީ ގުރޫޕު ސްޓޭޖުގައި ކުޅުނު ތިން މެޗުން މޮޅުވެ، ގުރޫޕު ”އޭ“ ގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އަދި ކަލައިދޫ ޑަބްލިޔުޑީސީ ސެމީ އަށް ދަތުރުކުރީ ގުރޫޕު ”ބީ“ ގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ.
ރޭ މަތިމަރަދޫ ދަނޑުގައި ކުޅުނު މެޗުން އައުޓްރީފް މޮޅުވީ 26-6 ގެ ނަތީޖާއަކުންނެވެ. ގުރޫޕު ސްޓޭޖުގެ ފަހު މެޗަކޭ އެއްގޮތަށް، މި މެޗުގައިވެސް އައުޓްރީފްގެ ފާތިމަތު ޖުނާ ކުޅެފައެއް ނުވެއެވެ. ނަމަވެސް، ޤައުމީ ޓީމުގައި ހިމެނޭ ޔަސްފާ އާދަމް ވަނީ ސެމީ ފައިނަލް މެޗު ކުޅެފައެވެ.
މެޗު ފެށިގެން، ލީޑުގައި ކުޅެފައިވަނީ އައުޓްރީފުންނެވެ. ފުރަތަމަ ހާފުގައި އައުޓްރީފުން 13 ލަނޑު ޖެހިއިރު، ކަލައިދޫ ޑަބްލިޔުޑީސީ އަށް ޖެހުނީ ދެ ލަނޑެވެ. ދެވަނަ ހާފުގައިވެސް އައުޓްރީފުން ވަނީ 13 ލަނޑު ޖަހާފަ އެވެ. ކަލައިދުއަށް އެ ހާފުގައި ޖެހުނީ ހަތަރު ލަނޑެވެ.
މި މެޗުގައި އައުޓްރީފްގެ ތޫބާ ބިންތި އަހުމަދު ހަތް ލަނޑު ޖެހިއިރު، އާމިނަތު ސާއީ އަލީ ޝަމީމް އާއި ޔަސްފާ ވަނީ ހަ ލަނޑު ޖަހާފަ އެވެ. އަދި އާމިނަތު ރާއިދާ ވަނީ ހަތަރު ލަނޑު ޖަހާފަ އެވެ. އެ ޓީމުގެ އަނެއް ތިން ލަނޑު ޖެހީ ފާތިމަތު ޒީކް އަބްދުލް މުހުސިން އާއި ފާތިމަތު ސަމާހަތު އެވެ.
ކަލައިދޫ ޑަބްލިޔުޑީސީން ޖެހި ހަ ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ ފާތިމަތު ރީނާ އެވެ. އަނެއް ތިން ލަނޑު ޖެހީ ފާތިމަތު ހައްސާނާ އާއި ނަސްމާ އަލީގެ އިތުރުން އާސިމާ މޫސާ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ، އުމުރުން 15 އަހަރުގެ ސާއީ އެވެ. އައުޓްރީފްގެ މި ކުޅުންތެރިޔާ ވަނީ މިހާތަނަށް މި މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ.