ގަމުގެ ހައުސިންގ ޔުނިޓްތަކާއި އެލްޔޫޕީއާ ގުޅޭގޮތުން ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި

ލ. ގަމުގައި އިމާރާތްކުރަމުންދާ 100 ހައުސިންގ ޔުނިޓާއި އެ ރަށުގެ ލޭންޑް ޔޫސް ޕްލޭން (އެލްޔޫޕީ) އާ ގުޅޭގޮތުން މަޝްވަރާކުރުމަށް، ޚާއްޞަ ބައްދަލުވުމެއް ބާއްވައިފިއެވެ.

މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ ގަމު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު، ޔޫސުފް ނަޝީދު (ޔޫތު) އާއި ގަމު ކައުންސިލްގެ ރައީސް، އަހުމަދު ޒަކީގެ އިތުރުން ގަމު ކައުންސިލްގެ މެންބަރުންނެވެ. އަދި މިނިސްޓްރީގެ ފަރާތުން، މިނިސްޓަރ ޑރ. ޢަލީ ޙައިދަރު އަޙްމަދު ވެސް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދެ ކަމަކާ ގުޅޭގޮތުންނެވެ. އެއީ ގަމުގައި މިހާރު އިމާރާތްކުރަމުންދާ 100 ހައުސިންގ ޔުނިޓާ ގުޅޭ ކަންކަމާއި، އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނާ ގުޅޭ ކަންކަމެވެ.

ގަމުގައި އިމާރާތްކުރަމުންދާ 100 ހައުސިންގ ޔުނިޓަކީ އެ ރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އަދި ލޭންޑް ޔޫސް ޕްލޭނަކީ ރަށުގެ ބިން ބޭނުންކުރާނެ ގޮތުގެ ތަފްސީލީ ޕްލޭނެކެވެ.

ގަމު ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި، މިނިސްޓްރީގެ ޕްރޮސީޖަރ އޮންނަ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ޚިޔާލުފުޅު ހޯދަން ޖެހޭ ކަމަށް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން، އެލްޔޫޕީ މިހާރު ވަނީ ރައީސްގެ ކޮމެންޓަކަށް ފޮނުވާފައެވެ. އަދި ރައީސްގެ ޚިޔާލުފުޅާއެކު، ވީ އެންމެ އަވަހަކަށް އެލްޔޫޕީ ފާސްކޮށްދޭނެ ކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވި ކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލް މެމްބަރުން ވަނީ، އެލްޔޫޕީ ފާސްކުރުން އަވަސްކޮށްދިނުމަށް މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި މިކަމުގެ ސަބަބުން ގަމު ކައުންސިލަށާއި ގަމުގެ ރައްޔިތުންނަށް ދިމާވާ ދަތިތައް، ރައީސް އާ ހިއްސާކުރެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.

ގަމުގެ ގޯތި މައްސަލަޔަކީ ގިނަ ރައްޔިތުން ކަންބޮޑުވާ މައްސަލައެކެވެ. ގަމު ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި، ގަމުން ގޯތި ދޫކުރެވެން އޮތީ، އެލްޔޫޕީ ފާސްވުމުންނެވެ. އެގޮތުން، ގަމު ކައުންސިލުން ވަނީ ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުންގެ ލަފަޔާއެކު އެލްޔޫޕީ ނިންމައި، ޖުލައި މަހުގެ 17 ވަނަ ދުވަހު މިނިސްޓްރީ އަށް ފޮނުވާފައެވެ.

ހައުސިންގ ޔުނިޓާއި އެލްޔޫޕީ އާ ގުޅޭގޮތުން، ގަމު ކައުންސިލުން ވަނީ މިދިޔަ މަހުގެ 5 ވަނަ ދުވަހުވެސް މިނިސްޓަރާ ބައްދަލުކުރައްވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments