މަތީ އަރުތަވެރީންގެ އިނާމު، ލ.އަތޮޅު 8 ދަރިވަރަކަށް

އޯލެވެލް އަދި އޭލެވެލް އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ސަރުކާރުން ދޭ ”މަތީ އަރުތަވެރީންގެ އިނާމު“، ލ.އަތޮޅުގެ 8 ދަރިވަރަކަށް ލިބިއްޖެ އެވެ.
މި ދަރިވަރުންނަށް އެވޯޑު ދީފައިވަނީ ތިން ދަންފަޅިއަކަށް ބަހާލައިގެން އިއްޔެ ދަރުބާރުގޭގައި ބޭއްވި ޖަލްސާތަކުގަ އެވެ. މި ތިން ދަންފަޅިވެއް ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.
އޭލެވެލް 2023-2022 ވަނަ އަހަރު އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، ޤައުމީ ގަދަ 10 ގައި ޖުމްލަ 376 ދަރިވަރުން ހިމެނުނެވެ. ލ.އަތޮޅުގެ ހަ ދަރިވަރަކު ވަނީ ޤައުމީ ގަދަ 10 ގެ ވަނަތައް ހޯދާފަ އެވެ.
ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުން ތަޢުލީމު ޙާޞިލްކުރި، ފޮނަދޫ، ފާތިމަތު އީހާ އަފީފް ވަނީ ހަތަރުވަނަ ހޯދާފަ އެވެ. އަދި އިސްދޫ، މަރިޔަމް ތަސްޔާ ޝަރީފް ފަސްވަނަ ހޯދާފައިވާއިރު، ގަމު، މުޙައްމަދު ޝަމްއާލް ސާމިރު ވަނީ ހަތްވަނަ ހޯދާފަ އެވެ. މި ދެ ދަރިވަރުންވެސް ކިޔަވާފައިވަނީ ސެންޓަރ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) އިންނެވެ.
ޤައުމީ ގަދަ 10 ގެ އަށްވަނައިގައި ދަނބިދޫ، ޢާއިޝަތު އަމަން މުޙައްމަދު މުނާޒް އާއި ގަމު، ޢާއިޝަތު ސަންނަ ވަނީ ހިމެނިފަ އެވެ. މި ދެ ދަރިވަރުންނަކީވެސް ޙަމަދު ސްކޫލުން ކިޔެވި ދެ ދަރިވަރުންނެވެ. މީގެއިތުރުން، އަޙުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން ކިޔެވި، ކުނަހަންދޫ، މުޙައްމަދު އަހުޒަމް އަޙުމަދު ވަނީ 10 ވަނަ ހޯދާފަ އެވެ.
2022-2023 ގައި ގުރޭޑް 10 ނިންމި ދަރިވަރުންގެ ތެރެއިން، ގަމު، އަޙުމަދު ރައްޔާން މުޙައްމަދު އަނީސް ވަނީ ސެކަންޑަރީ ސްކޫލް ކޮމްޕްލީޝަން އެގްޒަމިނޭޝަނުން އެއްވަނަ ހޯދާފަ އެވެ. މީގެއިތުރުން، އޭނާ ވަނީ އެސްއެސްސީ ގައި ދިވެހި މާއްދާއިން ރާއްޖެއިން އެއްވަނަ ހޯދާފަ އެވެ. ރައްޔާން ކިޔަވާފައިވަނީ އަޙުމަދިއްޔާ ސްކޫލުންނެވެ.
އިހައްދޫ ސްކޫލުން ތަޢުލީމު ޙާޞިލް ކުރި، ގަމު، ޢާއިޝަތު ޝަފާ ވަނީ އެސްއެސްސީ ގައި އިސްލާމް މާއްދާއިން ރާއްޖެއިން އެއްވަނަ ހޯދާފަ އެވެ.
މަތީ އަރުތަވެރިންގެ އިނާމު ހޯދި، ލ.އަތޮޅުގެ ދަރިވަރުން ވަނީ މުޅި އަތޮޅު ފަޚުރުވެރިވާފަދަ ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ.