ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތް: އަމިގޯސް ބަލިކޮށް، އައިވައިޔޫ ސެމީއަށް

ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތުގައި މިއަދު ހަވީރު އަމިގޯސް ބަލިކޮށް، އައިލެންޑް ޔޫތު ޔުނައިޓެޑު (އައިވައިޔޫ) ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
މި މެޗަށް ނިކުތްއިރުވެސް، ޓީކޭ ސްޕޯޓްސް ކްލަބުން ވަނީ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފަ އެވެ. އެ ޓީމުން ވަނީ ކުޅުނު ތިން މެޗުން މޮޅުވެ، ނުވަ ޕޮއިންޓު ހޯދާފަ އެވެ.
މިއަދު ހަވީރު ސީދާ ތިން ސެޓުން އަމިގޯސް ބަލިކޮށް، އައިވައިޔޫ އިންވެސް ވަނީ ނުވަ ޕޮއިންޓު ހޯދާފަ އެވެ. މިއާއެކު، މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަތައް ވަނީ ކަށަވަރުވެފަ އެވެ. ގުރޫޕު ”ބީ“ އިން ސެމީ އަށް ދަތުރުކުރީ އައިވައިޔޫ އާއި ޓީކޭ އެވެ. އަދި ގުރޫޕު ”ސީ“ އިން ސެމީ އަށް ދަތުރުކުރީ ކުނަހަންދޫ އައިލެންޑް ނޮމިނޭޝަން ގުރޫޕު (ކިންގް) އާއި އެފްއެސްޑަބްލިޔު އެސްސީ އެވެ.
ފޮނަދޫ މެދުއަވަށު ވޮލީބޯޅަ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ސެޓު، އައިވައިޔޫ އިންވަނީ ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފަ އެވެ. އެ ޓީމުން ސެޓު ކާމިޔާބުކުރީ 25-8 އިންނެވެ.
މެޗުގެ ފަހު ދެ ސެޓުގައި އައިވައިޔޫ ޓީމަށް ގިނަ ގޯސްތަކެއް ހެދިފައިވާއިރު، އަމިގޯސް އިން ވަނީ ވާދަވެރި ކުޅުމެއް ކުޅެފަ އެވެ. ނަމަވެސް، ފަހުވަގުތު ލީޑު ނަގައި، ދެ ސެޓުވެސް ކާމިޔާބުކުރީ އައިވައިޔޫ އިންނެވެ. އެ ޓީމުން ފަހު ދެ ސެޓު ކާމިޔާބުކުރީ 25-23 އަދި 25-20 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އައިވައިޔޫގެ މަރިޔަމް އާމިރު އެވެ.
އައިވައިޔޫ އަށް ގުރޫޕް ސްޓޭޖުގެ މެޗުތައް ނިމިފައިވާއިރު، އަމިގޯސް އަށް އަދި ދެ މެޗު އެބައޮތެވެ. ފަހު ދެ މެޗުގައި އަމިގޯސް ނިކުންނާނީ ޓީކޭ އާއި މާބައިދޫ އޯލް ޔޫތު އެސޯސިއޭޝަން (މާޔާ) އާ ދެކޮޅަށެވެ.