ހިތަދޫ ކައުންސިލް ފުޓުބޯޅަ މުބާރާތް: ހައިޑްރާ ބަލިކޮށް، ފެކްޝަން އެސްސީން އުއްމީދު އައުކޮށްފި

ހައްދުންމަތީ ހިތަދޫ ކައުންސިލް ފުޓުބޯޅަ މުބާރާތުގައި، ބުރާސްފަތި ދުވަހު ހަވީރު 5-1 ގެ ނަތީޖާއަކުން ހިތަދޫ ޔޫތު ޑިވެލޮޕްމަންޓް އެންޑް ރެކްރިއޭޝަނަލް އެސޯސިއޭޝަން (ހައިޑްރާ) ބަލިކޮށް، ފެކްޝަން އެސްސީން ފައިނަލަށް ދިއުމުގެ އުއްމީދު އައުކޮށްފި އެވެ.
ފެކްޝަން އެސްސީން ވަނީ މުބާރާތުގެ ފުރަތަމަ މެޗުން ބޮޑު މޮޅެއް ހޯދާފަ އެވެ. ނަމަވެސް، ދެވަނަ މެޗުގައި ޗެމްޕިއަން ގްރޭޓް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ޖީޖީއެސްސީ) ކައިރިން ވަނީ ބަލިވެފަ އެވެ. ހައިޑްރާ އަތުން ހޯދި ތިން ޕޮއިންޓާއެކު، އެ ޓީމަށް ވަނީ އިތުރު ހިތްވަރެއް ލިބިފަ އެވެ.
ހިތަދޫ ފުޓުބޯޅަ ދަނޑުގައި ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު މެޗުގެ 39 ވަނަ މިނެޓުގައި ފެކްޝަންގެ ބިދޭސީ ކުޅުންތެރިޔާ، ހަލީލް ޖަމާލް ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ކުރިހޯދަދީފަ އެވެ. މިއާއެކު ފެކްޝަން އިން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ފަރަގަކާއެކު އެވެ.
ދެވަނަ ހާފު ފެށިގެން، ހުސައިން ނިހާން (ނިހަޓް) ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހައި، ފެކްޝަން އަށް ލީޑު ފުޅާކޮށްދީފަ އެވެ. އަދި މެޗުގެ 77 ވަނަ މިނެޓުގައި އަހުމަދު އަޔާޒް ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ.
ފެކްޝަން އިން ހަތަރުވަނަ ލަނޑު ޖެހިތާ މިނެޓެއް ފަހުން، މުހައްމަދު ޔައިޝަމް ވަނީ ހައިޑްރާ އަށް ލަނޑު ޖަހައިދީފަ އެވެ. ނަމަވެސް، ފެކްޝަން އިން ވަނީ އިތުރު ވަގުތުގައި ލަނޑު ޖަހައި، ތިން ޕޮއިންޓު ކަށަވަރުކޮށްފަ އެވެ. އެ ޓީމުގެ ފަހު ލަނޑު ޖެހީ އަލީ ޝާރިމް އެވެ.
މުބަރާތުގައި ހުކުރު ދުވަހު ހަވީރު ކުޅުމަށް ހަމަޖެހިފައިވަނީ ފެކްޝަން ޗެލެންޖާއި ބީޖީ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗެވެ.