ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތް: އަމިގޯސް ބަލިކޮށް ޓީކޭ އަށް ގުރޫޕުގެ އެއްވަނަ

ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތުގައި ސީދާ ތިން ސެޓުން އަމިގޯސް ބަލިކޮށް، ޓީކޭ ސްޕޯޓްސް ކްލަބުން ގުރޫޕު “ބީ” ގެ އެއްވަނަ ހޯދައިފި އެވެ.

މިރޭގެ މެޗަށް ނިކުތްއިރުވެސް ޓީކޭ އާއި އައިލެންޑް ޔޫތު ޔުނައިޓެޑް (އައިވައިޔޫ) އިން ވަނީ ސެމީގެ ޖާގަ ކަށަވަރުކޮށްފަ އެވެ. ޓީކޭ އިން ގުރޫޕުގެ އެއްވަނަ ހޯދީ ކުޅުނު ހަތަރު މެޗުން މޮޅުވެ، ޖުމްލަ 12 ޕޮއިންޓު ހޯދައިގެނެވެ. ތިން މެޗުން މޮޅުވެ، އައިވައިޔޫ އަށް ލިބުނީ ނުވަ ޕޮއިންޓެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ޓީކޭ ބައްދަލުކުރަން ޖެހޭނީ ގުރޫޕު “ސީ” ގެ ދެވަނަ ޓީމު ކަމުގައިވާ ކުނަހަންދޫ އައިލެންޑް ނޮމިނޭޝަން ގުރޫޕު (ކިންގް) އާއެވެ. އަދި އައިވައިޔޫ ނިކުންނާނީ ގުރޫޕު “ސީ” ގެ އެއްވަނަ ޓީމު ކަމުގައިވާ އެފްއެސްޑަބްލިޔު އެސްސީ އާ ދެކޮޅަށެވެ.

ފޮނަދޫ މެދުއަވަށު ވޮލީބޯޅަ ކޯޓުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓު ޓީކޭ އިން ކާމިޔާބުކުރީ 25-6 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އަމިގޯސް އަށް ދިމާވި އެންމެ ބޮޑު މައްސަލަޔަކީ ޓީކޭ ކުޅުންތެރިންގެ ސާވިސްތައް ރަނގަޅަށް ރިސީވް ނުކުރެވުމެވެ. ޓީކޭ އިންވަނީ ސާވިސް އިން ގިނަ ޕޮއިންޓުތަކެއް ހޯދާފަ އެވެ.

ދެވަނަ ސެޓު ފެށިގެން އަމިގޯސް އިން ކުޅުން ރަނގަޅު ކުރިއިރު، ސެޓުގެ ކުރީކޮޅު ޓީކޭ ކުޅުންތެރިންނަށް ވަނީ ގިނަ ގޯސްތަކެއް ހެދިފަ އެވެ. އަދި އަމިގޯސް އިންވަނީ 9-5 ގެ ލީޑެއްވެސް ނަގާފަ އެވެ. ނަމަވެސް، ޓީކޭ އިން ވަނީ ކުޅުން ރަނގަޅުކޮށް، 25-18 އިން ސެޓު ކާމިޔާބުކޮށްފަ އެވެ.

ޓީކޭ އިން ތިންވަނަ ސެޓު ކާމިޔާބުކުރީ 25-17 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީކޭގެ އާމިނަތު އަރީޝާ (އަރީ) އެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބައްދަލުކުރާނީ އަމިގޯސް އާއި މާބައިދޫ އޯލް ޔޫތު އެސޯސިއޭޝަން (މާޔާ) އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments