ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތް: ސީދާ ތިން ސެޓުން ކިންގު ބަލިކޮށް، ޓީކޭ ފައިނަލަށް

މިހާރު ކުރިޔަށްދާ ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި ސީދާ ތިން ސެޓުން ކުނަހަންދޫ އައިލެންޑް ނޮމިނޭޝަން ގުރޫޕް (ކިންގް) ބަލިކޮށް، ޓީކޭ ސްޕޯޓްސް ކްލަބް ފައިނަލަށް ދަތުރުކޮށްފި އެވެ.
ޓީކޭ ސެމީ އަށް ދަތުރުކުރީ ގުރޫޕު ”ބީ“ ގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އަދި ކިންގުން ސެމީގެ ޖާގަ ހޯދީ ގުރޫޕު ”ސީ“ ގެ ދެވަނަ ހޯދައިގެނެވެ.
ފޮނަދޫ މެދުއަވަށު ވޮލީބޯޅަ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗު ފެށުނީއްސުރެ، މޮޅަށް ކުޅެފައިވަނީ ޓީކޭ އިންނެވެ. އެ ޓީމު ކުޅުންތެރިންގެ ބާރު ހަމަލާތައް ރިސީވް ކުރުމަށް ކިންގު ކުޅުންތެރިންނަށް ވަނީ އުނދަގޫވެފަ އެވެ. މެޗުގެ ފުރަތަމަ ސެޓު ޓީކޭ އިން ކާމިޔާބުކުރީ 25-11 އިންނެވެ. އަދި ދެވަނަ ސެޓު ކާމިޔާބުކުރީ 25-15 އިންނެވެ.
ތިންވަނަ ސެޓު ފެށުނުތަނާ، ވައިގަދަވެ ބޯކޮށް ވާރޭ ވެހުމާ ގުޅިގެން މެޗު ވަނީ މެދުކަނޑާލާފަ އެވެ. ވާރޭ ހުއްޓާލުމާއެކު، އަލުން ކުޅުން ފެށީ 15 ވަރަކަށް މިނެޓު ފަހުންނެވެ.
މެދުކެނޑުމަކަށްފަހު އަލުން ކުޅެން ފެށިއިރު، ދެ ޓީމަށްވެސް ވަނީ ވިއްސާރަވުމުގެ ސަބަބުން އުނދަގޫތައް ކުރިމަތިވެފަ އެވެ. އެގޮތުން، ގިނަ ބޯޅަތައް ރިސީވް ކުރުމަށް ވަނީ ދަތިވެފައެވެ. ޓީކޭ އިން ތިންވަނަ ސެޓު ކާމިޔާބުކުރީ 25-13 އިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީކޭގެ އާމިނަތު ޝަހާ ޝާމިން އެވެ.
މުބާރާތުގެ ދެވަނަ ސެމީ ފައިނަލުގައި މިރޭ އައިލެންޑް ޔޫތު ޔުނައިޓެޑް (އައިވައިޔޫ) ނިކުންނާނީ އެފްއެސްޑަބްލިޔު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.