ފޮނަދޫގައި ވެމްކޯގެ ހިދުމަތަށް ރަޖިސްޓަރ ވުމުގެ ފުރުސަތު ހުޅުވާލައިފި

ވެމްކޯއިން ދެމުންގެންދާ ހިދުމަތްތައް ލ.އަތޮޅަށް ތައާރަފުކޮށް، ފޮނަދޫގެ ރައްޔިތުންނަށް އެ ހިދުމަތްތަކަށް ރަޖިސްޓަރ ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ވެމްކޯއިން ފޮނަދޫ ރައްޔިތުންނަށް ރަޖިސްޓަރ ވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންގާރަ ދުވަހުއެވެ.
ވެމްކޯއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، ފޮނަދޫގެ ގޭބިސީތަކުން ވެމްކޯގެ ކުނި އުކާލުމުގެ ހިދުމަތަށް މިހާރު ރަޖިސްޓަރ ކުރެވޭނެއެވެ.
ފޮނަދޫގައި ވެމްކޯއިން ދޭން ފަށާ ކުނި އުކާލުމުގެ ހިދުމަތަށް ރަޖިސްޓާވުމަށް ވެމްކޯއިން ވަނީ ފޯމެއް ތައްޔާރުކޮށްފައެވެ. މި ފޯމު ފުރިހަމަ ކުރުމުން ކުނި އުކާލުމުގެ ހިދުމަތަށް ރަޖިސްޓާ ވެވޭނެކަމަށް ވެމްކޯއިން ބުނެއެވެ.
ވެމްކޯއިން އަންނަނީ އެ ކުންފުނީގެ ހިދުމަތް އިތުރަށް ފުޅާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން، ގަމުގައިވެސް ވެމްކޯގެ ހިދުމަތް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. އަދި މިވަގުތު ކުރިޔަށްދަނީ މި ތައްޔާރީތަކުގެ އެންމެ ފަހު މަރުހަލާއެވެ.