ގަމު ފުޓުބޯޅަ މުބާރާތް: ޕެނަލްޓީގައި މަތިމަރަދޫ ބަލިކޮށް، މުކުރިމަގުން ތަށި ދިފާއުކޮށްފި

ގަމު ފުޓުބޯޅަ މުބާރާތް 2024 ގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން މަތިމަރަދޫ އެފްސީ ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން މުކުރިމަގު އެފްސީން މުބާރާތުގެ ތަށި ދިފާއުކޮށްފިއެވެ.
މުކުރިމަގުން މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީވެސް ފައިނަލުގައި ޕެނަލްޓީ ޖަހައިގެން މަތިމަރަދޫ ބަލިކުރުމަށްފަހުއެވެ.
މިއަހަރުގެ މުބާރާތުގެ ފައިނަލަށް މަތިމަރަދޫ ދަތުރުކުރީ ފުރަތަމަ ބުރުން އެއްވަނަ ހޯދައިގެނެވެ. އަދި މުކުރިމަގު ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ތުނޑި އެފްސީ ބަލިކުރުމަށްފަހުއެވެ.
ގަމު ޒޯން ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފު ފެށިގެން، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ މުކުރިމަގުންނެވެ. އެގޮތުން، އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ގޯލަށް ނުރައްކާކޮށް ދެ ހަމަލާއެއް ފޮނުވާލާފައެވެ. އެ ޓީމުގެ މައުރޫފް އަލީ (އޫޓު) ފޮނުވާލި ބޯޅަ، މަތިމަރަދޫ ޓީމުގެ ކީޕަރު، މުހައްމަދު ޝާހީން (މޯޑު) އަތުގައި ޖެހިފައި އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި އޭރިއާ ބޭރުން އަބްދުﷲ އަރީފް (ރިއްޗާޑް) ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
ފުރަތަމަ ހާފުގައި މަތިމަރަދޫން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މޫސާ ހާނިމް (ވާންޗޯ) އަށެވެ. ނަމަވެސް، މުކުރިމަގު ޓީމުގެ ދެ ޑިފެންޑަރުން ވަނީ އޭނާ ހުއްޓުވާފައެވެ.
ދެވަނަ ހާފު ފެށިގެން މަތިމަރަދޫން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ހާފުގެ ކުރީކޮޅު މަތިމަރަދުއަށް ވަނީ ރަނގަޅު ހިސާބަކުން ހިލޭ ޖެހުމެއް ލިބިފައެވެ. ނަމަވެސް، އާދަމް ޝަމީމް (އެޑަމް) ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. އޭގެފަހުން، މުކުރިމަގު ޓީމަށްވެސް ވަނީ ރަނގަޅު ހިސާބަކުން ހިލޭ ޖެހުމެއް ލިބިފައެވެ. އެ ފުރުސަތުގައި ހަސަން ފަވާޒް ފޮނުވާލި ބޯޅަ، މަތިމަރަދޫ ޓީމުގެ ކީޕަރު މޯޑު ވަނީ ދިފާއުކޮށްފައެވެ.
ދެވަނަ ހާފުގައި މަތިމަރަދޫ ޓީމުގެ ވާންޗޯ އާއި މުކުރިމަގު ޓީމުގެ ޝަނާން ރަޝާދަށް ވަނީ ރަނުގެ ފުރުސަތެއް ލިބިފައެވެ. ވާންޗޯއަށް ހުސްކޮށް ލިބުނު ފުރުސަތެއްގައި މުކުރިމަގު ޓީމުގެ މުހައްމަދު ނިޒާމް (ޕީކޭ) ވަނީ ތަޖުރިބާގެ ބޭނުން ހިފައި، ރަނގަޅަށް ދިފާއުކޮށްފައެވެ. އަދި މުކުރިމަގު ކުޅުންތެރިޔަކު ހުރަހެއް ނަގައިދިންއިރު، ޝަނާން މުޅިން ހުސްކޮށް އޮވެ ބޮލުން ޖެހި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގައި ދެ ޓީމަށްވެސް ލަނޑު ޖެހުމަށް ލިބުނު ފުރުސަތު ގިނައެވެ. މަތިމަރަދޫ ޓީމުގެ ތޯއިފް ގާސިމް (ތޯއްޕެ) އޭރިއާ ބޭރުން ފޮނުވާލި ބޯޅަ، މުކުރިމަގު ޓީމުގެ ކީޕަރު މުހައްމަދު ރަޝީދު (ޓޭޓު) ދިފާއުކުރިއިރު، އޭރިއާ ތެރެއިން ޝަނާން ފޮނުވާލި ބޯޅަ، މޯޑު ވަނީ ދިފާއުކޮށްފައެވެ. މެޗުގެ ފުރިހަމަ ވަގުތުހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުމުން، ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެނެވެ. ޕެނަލްޓީގައި މުކުރިމަގުން ކުރިހޯދީ 6-5 ގެ ނަތީޖާއަކުންނެވެ.
ޕެނަލްޓީގައި މަތިމަރަދޫ ޓީމުގެ ގޯލު ބެލެހެއްޓީ ޓީމުގެ ތިންވަނަ ކީޕަރު، މުހައްމަދު ޒަޔާނެވެ. ފުރަތަމަ ޕެނަލްޓީ ޖަހާފައިވަނީ މުކުރިމަގުންނެވެ. އެގޮތުން، ޕީކޭ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. މަތިމަރަދޫން ވަނީ ފުރަތަމަ ހަތަރު ޕެނަލްޓީ ކާމިޔާބުކޮށް، ފަހުވަގުތާ ހަމަޔަށް އެޑްވާންޓޭޖް ހޯދާފައެވެ. އެ ޓީމުގެ ފުރަތަމަ ހަތަރު ޕެނަލްޓީ ކާމިޔާބުކުރީ އަބްދުﷲ ޖުނެއިދު (ޖޭންނެ) ހަލިލް ގަމާލް، އަހުމަދު ޒާދު އަދި ހުސައިން ޝައްމާހުއެވެ.
މުކުރިމަގުގެ ފުރަތަމަ ޕެނަލްޓީ ނާކާމިޔާބުވި ނަމަވެސް، އެ ޓީމުން ވަނީ ޖެހިގެން އައި ހަތަރު ޕެނަލްޓީ ކާމިޔާބުކޮށް، އުއްމީދު އައުކޮށްފައެވެ. އެ ހަތަރު ޕެނަލްޓީ ކާމިޔާބުކުރީ ގާސިމް ސަމާމް، ޝަނާން، އަހުމަދު މުހައްމަދު (އައްޕަޓު) އަދި ކީޕަރު ޓޭޓުއެވެ.
މަތިމަރައުއަށް ވަނީ އެ ޓީމުގެ ފަސްވަނަ ޕެނަލްޓީ ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދުމަށް ފުރުސަތު ލިބިފައެވެ. ނަމަވެސް، މުހައްމަދު ސާބިގް (އުއްކު) ޖެހި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. މުކުރިމަގުގެ ޒައިދާން އަބްދުﷲ (ޒައިއްކޮ) އާއި އަހުމަދު ލަތީފް (ޑީޖޯ) ޕެނަލްޓީ ކާމިޔާބުކުރިއިރު، މަތިމަރަދޫގެ މުހައްމަދު ރަޒާން (ރާއްކޮ) ވަނީ އެ ޓީމުގެ ހަވަނަ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. މުކުރިމަގަށް ޗެމްޕިއަންކަން ލިބުނީ، މަތިމަރަދޫގެ ހަތްވަނަ ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ. މަތިމަރަދޫގެ ކެޕްޓަން އެޑަމް ފޮނުވާލި ޕެނަލްޓީ، މުކުރިމަގުގެ ކީޕަރު ޓޭޓު ވަނީ ދިފާއުކޮށްފައެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން، އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ޓޭޓުއެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހީ މުކުރިމަގު ޓީމުގެ ޒައިއްކޮ އާއި މާބައިދޫ އޯލް ޔޫތު އެސޯސިއޭޝަން (މާޔާ) ގެ އަބްދުﷲ ފަރީސް (ފަރިއްޓެ) އެވެ. މި ދެ ކުޅުންތެރިން ވަނީ ހަތަރު ލަނޑު ޖަހާފައެވެ.
މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ހިތަދޫ އެފްސީއެވެ. އެންމެ އުއްމީދީ ކުޅުންތެރިޔަކަށް މަތިމަރަދޫ ޓީމުގެ ރާއްކޮ ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ މުކުރިމަގު ޓީމުގެ އިބްރާހިމް ރަޝީދު (ފީގޯ) އެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ޒައިއްކޮއެވެ.