އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުން ޙަމަދު ސްކޫލަށް ބޮޑު ކާމިޔާބެއް، ޓީމުން ދެއްކި ހިތްވަރަށް ސާބަސް

ހަތްވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގައި ލ.ގަމުގެ ޙަމަދު ބިން ޚަލީފާ ޢާލް ޡާނީ ސްކޫލުން ވާދަކޮށް، ބޮޑު ކާމިޔާބީއެއް ހޯދައި، މުޅި އަތޮޅަށް ރީތި ނަމެއް ހޯދައިދީފިއެވެ.

މާލޭ ހޭންޑްބޯޅަ ކޯޓުގައި ޖުމްލަ ހަތަރު ޑިވިޝަނަކަށް ބަހާލެވިގެން ކުރިޔަށް ގެންދިޔަ މި މުބާރާތުގައި ޙަމަދު ސްކޫލުގެ ދެ ޓީމަކުން ވަނީ ވާދަކޮށްފައެވެ. އެއީ 15 އަހަރުން ދަށުގެ އަންހެން ޓީމާއި 17 އަހަރުން ދަޑުގެ އަންހެން ޓީމެވެ.

މިއަހަރުގެ މުބާރާތުގައި ވާދަކުރި ދެ ޓީމުންވެސް ވަނީ ހިތްވަރާއެކު ކުޅެ، މުޅި ސްކޫލަށާއި ރަށަށް ބޮޑު ކާމިޔާބެއް ހޯދަދީފައެވެ. އެގޮތުން، މިއަހަރުގެ މުބާރާތުގައި އެންމެ ވިދުން ގަދަ ސްކޫލު ތަކުގެ ތެރޭގައި ޙަމަދު ސްކޫލް ހިމެނެއެވެ. 15 އަހަރުން ދަށުގެ ޓީމު ވަނީ މޮޅު ކުޅުމެއް ދައްކައި، މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. ސެމީ ފައިނަލުން ޙަމަދު ސްކޫލް ބަލިވީ ރެހެންދި ސްކޫލް އަތުންނެވެ. އަދި 17 އަހަރުން ދަށުގެ ޓީމުން ވަނީ ސެމީ ގައި ޣާޒީ ސްކޫލް ބަލިކޮށް، ފައިނަލަށް ދަތުރުކޮށްފައެވެ.

މިރޭ އއ. އަތޮޅު ތައުލީމީ މަރުކަޒް (އއ.އޭއީސީ) އާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުގައި ޙަމަދު ސްކޫލުން ވަނީ ފަހު ވަގުތާ ހަމަޔަށް ހިތްވަރުކޮށްފައެވެ. އއ.އޭއީސީ އިން މެޗު ކާމިޔާބުކުރީ 23-15 ގެ ނަތީޖާއަކުންނެވެ.

ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ފޯރިގަދަ ކުޅުމެކެވެ. އެގޮތުން، ހާފު ނިމުނުއިރު ދެ ޓީމު ވަނީ 10-10 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. ނަމަވެސް، ދެވަނަ ހާފުގައި އއ.އޭއީސީ އިން ވަނީ ކުޅުން ރަނގަޅުކޮށް އިތުރު 13 ލަނޑު ޖަހާފައެވެ. ޙަމަދަށް ޖެހުނީ ފަސް ލަނޑެވެ.

ފައިނަލް މެޗުގައި ޙަމަދު ސްކޫލްގެ ތޫބާ ބިންތް އަހުމަދު ހަ ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އާމިނަތު ސާއީ އަލީ ޝަމީމް ހަތަރު ލަނޑު އަދި އައިޝަތު ޔަޝްކާ ޔޫސުފް ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ޙަމަދުގެ އަނެއް ތިން ލަނޑު ކާމިޔާބުކުރީ ނައުފާ ޒާހިރު، އައިޝަތު ސަނާ އަދި އައިޝަތް އަފާފް އާދިލްއެވެ.

ޙަމަދު ސްކޫލުން ވަނީ އިންޓަރ ސްކޫލް މުބާރާތްތަކުގައި ދަރިވަރުންގެ ބައިވެރިވުން އިތުރުކޮށްފައެވެ. އެގޮތުން، އެ ސްކޫލުން ވަނީ އެތުލެޓިކްސް ފަދަ އެހެނިހެން މުބާރާތްތަކުގައިވެސް ވާދަކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments