ގަމު ފުޓްސަލް ޓީމުގެ ޖާޒީ ޕްރީ އޯޑަރަށް ހުޅުވާލައިފި

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ވާދަކުރާ ގަމު ފުޓްސަލް ޓީމުން އެ ޓީމުގެ ޖާޒީ ޕްރީ އޯޑަރަށް ހުޅުވާލައިފިއެވެ.

ގަމު ފުޓްސަލް ޓީމުން ޖާޒީ ޕްރީ އޯޑަރަށް ހުޅުވާލާފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި އޯޑަރު ކުރުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ ފަސްވަނަ ދުވަހެވެ.

މި މުބާރާތުގައި ވާދަކުރާ ލ.އަތޮޅުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ގަމު ފުޓްސަލް ޓީމުން ވަނީ ހަތަރު ވައްތަރުގެ ޖާޒީ ޕްރީ އޯޑާ ކުރުމަށް ހުޅުވާލާފައެވެ. އެއީ ”ޕްލޭޔާ ވާޝަން“ ހޯމް އަދި އަވޭ ޖާޒީ އާއި ސަޕޯޓާސް ހޯމް އަދި އަވޭ ޖާޒީއެވެ. އެގޮތުން، މުބާރާތުގައި ބޭނުންކުރާނެ ރަސްމީ ޖާޒީގެ އަގަކީ 600 ރުފިޔާއެވެ. އަދި ސަޕޯޓަރުންނަށް ހާއްސަ ޖާޒީގެ އަގަކީ 180 ރުފިޔާއެވެ.

ޖާޒީ ގަތުމަށް ފައިސާ ދެއްކުމާއި ޖާޒީގެ މައުލޫމާތު ފުރިހަމަ ކުރުމުގެ ކަންކަން ކުރާނީ އެކަމަށް ކަނޑައަޅާފައިވާ ފޯމު މެދުވެރިކޮށެވެ.

ގަމު ފުޓްސަލް ޓީމަށް ސަޕޯޓު ކުރާ ފަރާތްތަކުން މި ޖާޒީ ބޭނުންކުރުމަށް ޓީމުގެ މެނޭޖްމަންޓުން ވަނީ އެދިފައެވެ. އަދި މާލޭގައި ދިރިއުޅޭ ފަރާތްތަކުން ސަޕޯޓް ކުރުމަށް ދަނޑަށް ދިއުމަށާއި، ރަށުގައި ތިބި ފަރާތްތަކުން ރަށުގައި ތިބެ ޓީމަށް ހިތްވަރު ދިނުމަށްވެސް ވަނީ އެދިފައެވެ.

މުބާރާތް ފެށުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ދެ ޗެމްޕިއަނުން ކަމުގައިވާ ބ.އޭދަފުށްޓާއި ލ.ގަމެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރޭގައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments