ބޮޑުވާވަރަކަށް ދަރިން ދުރުކޮށްލާ، މައިވީއްލިގެން ނުވާނެއެވެ.

ދަރިފުޅު އުފަންވާ ވަގުތުއްސުރެ މައިންބަފައިން ނިކަން ލޯބިން އެދަރިފުޅު އުރާލާ ގައިގައި ބޮސްދީ ހަދައެވެ. ހަމަ ކިރިޔާ ކުކުރިލާއިރަށް ނިކަން ކަންބޮޑުވެެއެވެ. ބަސް މޮށެން ނޭނގޭ އުމުރުގައި ވެސް ދަރިފުޅުގެ ހަރަކާތްތަކުން ދަރިފުޅުގެ އިހުސާސްތައް ނިކަން ރަނގަޅަށް ދެނެގަނެއެވެ. ދަރިފުޅު ބަނޑުހައިވާނެ ވަގުތާއި ދަރިފުޅަށް މީރު ކާނާ ދެނެގަނެއެވެ. ދަރިފުޅު ނިދަން ބޭނުންވާނެ ގަޑިއާއި، ދަރިފުޅު ބަލިވެއްޖެ ނަމަ އެކަންވެސް ނިކަން ފަސޭހައިން ދެނެގަނެއެވެ.

އެހެންނަމަވެސް…ދަރިން ބޮޑުވަމުންދާ ވަރަކަށް މައިން ބަފައިންނާއި ދަރިންނާ އޮންނަ ގުޅުން މަޑުމަޑުން ކެނޑެން ފަށައެވެ. އެކުދިން މައިންބަފައިންނާއި ދުރުކުރެވެން ފަށައެވެ. ކުދިންނާ ވާހަކަ ދެއްކުން މަދުވެއެވެ. އެކުދިންގެ ވާހަކަތައް އަޑުއެހުމުގެ ސައުގުވެރިކަން ކުޑަވެއެވެ. އެކުގައި ކުޅެ ސަމާސަކޮށްލާނެ ވަގުތެއް ނުދެވެއެވެ. ގައިގައި ލޯބިން ފިރުމައިލައި، ބައްދާލާ ބޮސްދީ ހެދުމަކީ ލަދުކަމަކަށް ވެއެވެ. އަންހެން ކުއްޖަކު ނަމަ ހާއްސަކޮށް ބައްޕައާ އޮންނަ ގުޅުން އެއްކޮށް ކެނޑެނީއެވެ. ބައްޕަ ކައިރީގައި އިށީނދެ ވާހަކަ ދައްކައި ކަންކަން ހިއްސާ ކުރުމަށް އެކުއްޖާ ވެސް އަދި ބައްޕަ ވެސް ޖެހިލުންވަނީއެވެ. ނުވަތަ ލަދު ގަންނަނީއެވެ. ފިރިހެން ކުއްޖަކު ނަމަ މަންމަ ކައިރީގައި ވާހަކަ ދައްކާލަން ނުވަތަ މަންމައާ ސަމާސަކޮށްލަން ލަދު ގަންނަނީއެވެ. މިހެން މިކަންވަނީ މުޖުތަމަޢުގައި އޮންނަ ސަގާފަތެއްގެ ސަބަބުންނެވެ. ގަބޫލުކުރާ ގަބޫލުކުރުމެއްގެ ސަބަބުންނެވެ. ބޮޑެތި މީހުންގެ ޢަމަލުތަކުން އެކުދިންނަށް ވެސް އެކަން އެގޮތަށް ވިސްނައިދެވޭތީއެވެ.

މިގޮތަށް ދަރިން މައިންބަފައިންނާއި ދުރުކޮށްލުމުގެ ސަބަބުން ބޮޑުވަމުން އަންނަ ޢުމުރު ނުވަތަ ފުރާވަރުގައި އެކުދިންނަށް ދިމާވާ ބޮޑެތި އެތައްކަމެއް މައިންބަފައިންނާއި ހިއްސާކުރުމަށް އެކުދިން ލަދުވެތިވެ ޖެހިލުންވެއެވެ. އޭގެ ސަބަބުން އެންމެ ރައްކާތެރި ނޫން ފަރާތްތަކާއި އެކަންކަން ހިއްސާކުރެވި އެފަރާތްތަކާއި ދަރިން ދޯޅަވެއެވެ. އެއީ އެކުދިން ދެކެ އެންމެ ލޯބިވާ އެންމެ އަޅާލާ އިތުބާރުކުރެވޭ މީހުންކަމުގައި އެކުދިންނަށް ގަބޫލުކުރެވެއެވެ. ނަތީޖާއެއްގެ ގޮތުން އެފަދަ ބައެއް ފަރާތްތަކުގެ ސަބަބުން އެކިއެކި ނުރައްކަލަށް އެކުދިން ހުށަހެޅިގެން ދެއެވެ.

ދަންނަވަންތޯއެވެ. ދުވަހަކުވެސް މައިން ބަފައިންނަށް ދަރިން ބޮޑުވެގެން ނުވާނެއެވެ. ކޮންމެ ޢުމުރެއްގައިވެސް ދަރިންގައިގައި ލޯބިން ބައްދާލަންވީއެވެ. އެކުދިންގެ ކޮލިގަައި ހިފާލައި، ބޮލުގައި ފިރުމައިލާ، ނިއްކުރިއަށް ބޮސްދޭންވީއެވެ. ދަރިންނާއިއެކު ހީސަމާސާކޮށް ސަކަރާތް ޖަހަންވީއެވެ. އެއިރުން ދަރިންނާއި މައިންބަފައިންނާ އޮންނަ ގުޅުން ބަދަހިވެ ދަރިންނަށް ދިމާވާ ކަންކަން ލަދެއް ޖެހިލުމެއްނެތި މައިންބަފައިންނާއި ހިއްސާކުރާނެއެވެ. އޭގެ ސަބަބުން ނުރަނގަޅު އެތައްކަމަކުން އަދި އެތައް ނުރައްކާތެރިކަމަކުން ދަރިން ސަލާމަތްވާނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments