ގޯލްޑެން ފުޓްސަލް ޗެލެންޖް: ފަހުވަގުތު ޒައިދާން ޖެހި ލަނޑާއެކު މުންޑޫ ބަލިކޮށް ގަން ފައިނަލަށް

ގޯލްޑެން ފުޓްސަލް ޗެލެންޖް 2025 ގެ ލ.އަތޮޅު ބުރުގެ ސެމީ ފައިނަލުގައި ފަހުވަގުތު ޒައިދާން އަބްދުﷲ (ޒައިއްކޮ) ޖެހި ލަނޑާއެކު 2-1 ގެ ނަތީޖާއަކުން މުންޑޫ ބަލިކޮށް ގަމުން ފައިނަލުގެ ޖާގަ ހޯދައިފިއެވެ.
ގަމުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ހޯދީ ގުރޫޕު ”އޭ“ ގެ އެއްވަނަ ހޯދައިގެނެވެ. އަދި މުންޑޫ ސެމީއަށް ދަތުރުކުރީ ގުރޫޕު ”ބީ“ ގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
ހުޅުމާލޭ ރެހެނދި ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ގަމުން ވަނީ މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅެފައެވެ. އެގޮތުން، އެ ޓީމުން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ، ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ލަނޑު ޖެހުމަށް ލިބުނު ފުރުސަތުތަކުގައި އެންމެ ބޮޑު ހުރަހަކަށްވީ މުންޑޫ ޓީމުގެ ކީޕަރު، އިބްރާހިމް ހާމިދު އެވެ. އޭނާ ވަނީ ގަމުން ފޮނުވާލި ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ.
ގަމުން ލީޑު ނެގުމަށް ކުރި މަސައްކަތް ކާމިޔާބުވީ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށެވެ. އޭރިއާ ބޭރުން އަހުމަދު ހަލީމް (އައްމަޑޭ) ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނީ މުންޑޫ ޓީމުގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައެވެ.
ދެވަނަ ހާފު ފެށިގެން މެޗުގެ 25 ވަނަ މިނެޓުގައި އަހުމަދު މިފްތާހު ވަނީ ލަނޑެއް ޖަހައި މުންޑުއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މިއާއެކު، ގަމުން ގެންގުޅުނު ޓެމްޕޯއަށް ވަނީ ބޮޑު އަސަރެއް ކޮށްފައެވެ.
ލަނޑު ޖެހުމަށްފަހު މުންޑޫން ކުޅުނީ މެޗު އެއްވަރުކޮށް ޕެނަލްޓީއަށް ދިއުމަށެވެ. ނަމަވެސް، މެޗުގެ ފަހު މިނެޓުގައި ޒައިއްކޮ ވަނީ ލަނޑު ޖަހައި ގަމަށް ފައިނަލުގެ ޖާގަ ހޯދަދީފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ގަމު ޓީމުގެ އަބްދުﷲ ޖުނެއިދު (ޖޭންނެ) އެވެ.
މި މަހުގެ 30 ވަނަ ދުވަހު ކުޅޭ ފައިނަލުގައި ގަން ނިކުންނާނީ އިސްދުއާ ދެކޮޅަށެވެ. މިދިޔަ އަހަރުގެ ފައިނަލުގައިވެސް ވާދަކޮށްފައިވަނީ ގަމާއި އިސްދުއެވެ.