ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުން އިބްރާހީމް ފައިޞަލް މިއަދު ވަކިކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިޞަލް، އެ މަގާމުން ވަކިކުރައްވައިފިއެވެ.

އަދި އެމަނިކުފާނު ވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމް ވަގުތީގޮތުން ހިންގެވުން މިއަދުން ފެށިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދުއާ ހަވާލުކުރައްވާފައެވެ. ނަމަވެސް، އިބްރާހީމް ފައިޞަލް މަގާމުން ވަކިކުރެއްވި ސަބަބެއް މި ވަގުތާ ހަމައަށް ހާމަކުރައްވާފައެއް ނުވެއެވެ.

މި ސަރުކާރުގެ ކެބިނެޓަށް އައްޔަންކުރެއްވި މިނިސްޓަރުންގެ ތެރެއިން، ގާބިލުކަމާ ދޭތެރޭ އެންމެ ބޮޑަށް ސުވާލު އުފެދުނު އެއް ބޭފުޅާއަކީ އިބްރާހީމް ފައިޞަލްއެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ ދަރިކަލަކަށް ވާތީ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރިއެވެ. އެހެންނަމަވެސް، އިބްރާހީމް ފައިޞަލް ވިދާޅުވެފައިވަނީ އޭނާ އެ މަގާމަށް އައްޔަންކުރެއްވީ އެކަން ކުރެވޭނެ ކަމުގެ ގާބިލުކަމާއި ޒިންމާ އުފުލޭނެ ކަމުގެ ޔަގީންކަން އޭނާގެ ކިބައިގައި ހުރިކަން އޮވެގެން ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު ފައިޞަލް މަޤާމުން ވަކިކުރެއްވި އިރު، އޭނާގެ ބައްޕަ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ހުންނެވީ ރާއްޖެއިން ބޭރުގައެވެ. ލިބިފައިވާ މަޢުލޫމާތުގެ އަލީގައި، މަޖިލީހުގެ ރައީސް މިވަގުތު ހުންނެވީ މެލޭޝިޔާގައި ކަމަށްވެއެވެ.

މިނިސްޓަރު ފައިޞަލް މަޤާމުން ވަކިކުރެއްވި ސަބަބާ ގުޅޭގޮތުން ރަސްމީ ބަޔާނެއް އަދި ނެރުއްވާފައި ނުވި ނަމަވެސް، މި ނިންމުމަކީ ސަރުކާރުގެ އެތެރޭގެ ބަދަލުތަކުގެ ތެރެއިން އެޅުއްވި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ސިޔާސީ މަސައްކަތުގައި އުޅުއްވި އިބްރާހީމް ފައިޞަލް ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ކެމްޕޭނުގައިވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments