މާންދޫ މުޒާހަރާ: ކްރެޑިޓަށް ކިރުވި މަހަށް 21 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ ނުލިބި އެބަހުރި- މަސްވެރިން

މާންދޫ ހޮރައިޒަން ފިޝަރީޒް ކުންފުނިން މަސްވެރިން އަތުން 3 މަސް ދުވަސް ވަންދެން ކްރެޑިޓަށް މަސް ކިރައި، އެ މުއްދަތަށް ވާ 21 މިލިއަނަށް ވުރެ ގިނަ ދިވެހިރުފިޔާ އަދިވެސް ނުދީ އެބަހުރި ކަމަށް މުޒާހަރާގެ ބައިވެރުވަމުން އަންނަ މަސްވެރިން ބުނެފިއެވެ.
މަސްވެރިން މާންދޫ ހޮރައިޒަން ފިޝަރީޒުގެ މައި އޮފީސް ދޮށަށް އެއްވެ އިއްޔެއިން ފެށިގެން މުޒާހަރާ ކުރަމުން އަންނަ އިރު، އެ މީހުންގެ ޑިމާންޑަކަށް ވަނީ އެ މީހުން އަތުން ކުރެޑިޓަށް މަސް ގަތުމަށްފަހު ނުދީ ހުރި 21 މިލިއަނެއްހާ ރުފިޔާ ހޯދުންކަމަށް މަސްވެރިން ބުނެއެވެ. މަސްވެރިން ބުނީ މަސްވެރިކަމަކީ އެމީހުން ވެސް ދިރިއުޅުމަށް އާއްމުދަނީ ހޯދަން ކުރާ މަސައްކަތްކަމަށާއި އެ މަސައްކަތައް ޙައްޤުވާ އަގު ހޯދުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.
މަސްވެރިން ސުލްހަވެރިކަމާއި އެކު މުޒާހަރާ ކުރަމުން ދާއިރުު، މިއަދުގެ މުޒާހަރާ ހޫނުވެ، އެ މުޒާހަރާ ކޮންޓްރޯލު ކުރުމަށް އެތަނަށް ފުލުހުން ގޮސް ވަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއަށް މުޒާހަރާ ރޫޅާލުމަށް ޕެޕާ ސްޕްރޭ ޖަހައިފައެވެ. އަދި ޕެޕާ ސްޕްރޭ ޖެހުމަށް ފަހުން ފުލުހުން ވަނީ މަސްވެރިން އެ ސަރަހައްދުން ބޭރުކުރަން މަސައްކަތްކޮށްފައެވެ.
މަސްވެރިންގެ މުޒާހަރާގެ ތެރެއަށް ޕެޕާ ސްޕްރޭ ޖަހާފައިވާއިރު އެ ސަރަހައްދުގައި ހަރަކާތްތެރިވާ މަސްވެރިން ބުނެފައިވަނީ މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބެނީސް އެ ސަރަހައްދު ދޫކޮށް ނުދާނެ ކަމަށެވެ. އަދި ފުލުހުން މަސްވެރިންނާ ދެކޮޅަށް ނުބައްދަލު ބާރު ބޭނުންކުރުން ކުށްވެރިކުރާ ކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.
މާންދޫއަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އާއިލީ މަސްލަޛަތު އޮންނަ ހޮރައިޒަން ފިޝަރީޒް ކުންފުނީގެ މަސް ޕްލާންޓެވެ. އެތަނުން މަސްވެރިންނަށް އައިސްއާއި ޑީސަލް ވިއްކަމުންދާ ގޮތާމެދުވެސް މަސްވެރިންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.