”އޭ ބުރޯ ވަރަށް ބޮޑު ކަމެއްކޮށްދީބަލަ…“

އޮފީހުގެ މަސައްކަތުގައި ހޭބޯނާރާ އުޅެނިކޮށް ކައިރީގައި އޮތް ފޯނުން ބީޕް ގޮއްވައިލައިފިއެވެ. ކޮންމެވެސް މުހިންމު މެސެޖެއްކަމަށް ހީކޮށް ފޯނު ބަލައިލިއިރު އެކުވެރިއެއްގެ މެސެޖެކެވެ.

”އޭ ބުރޯ ކަމެއް ކޮށްދީބަލަ“ މިހެން ބުނެ ކޮށްފައިވާ މެސެޖަށް ރިޕްލައި ނުދެވިގެން އުޅެނިކޮށް އަނެއްފަހަރު ބީޕް ގޮއްވައިލައިފިއެވެ. “ ބުރޯ ވާނެތަ؟ ނުވަންޏާވެސް ބުނެލާތި އިނގޭ“ އެއިރު އަދި މިއުޅެނީ ބޭނުން ވެގެން އުޅެނީ ކޮންކަމެއްކަން ނޭހިގެންނެވެ. ހަމަ އެ ނޭވާ އެތެރެކޮށްލައިފައި ބޭރަށް ފޮނުވާ ނުލެވެނީސް އިތުރު މެސެޖެއް އަތުވެއްޖެއެވެ. ”ބުރޯ އަސްލު މަގޭ ފޯނު ބިލު ނުދެއްކިގެން، ފޮނުވާލަދީބަ ފައިވްއެއް، ވަރަށް އަވަހަށް މަދޭނަން.. އަދި އިންނާނެ ދޯ ކުރީ މަހު ނެގި ތައުޒަންވެސް، އެވެސް ވައްޓާލާނަން“
މިއީ މިއަދުގެ ހާލަތެވެ.

ޒިންމާތައް ބޮލުގައި އަޅައިގެން އެކަންކަމުގެ މައްޗަށް ފިކުރުކުރާ މީހުން ގުދާރު ބިނދޭވަރަށް މަސައްކަތްކޮށް ހަނާވަނީއެވެ. އެކަމަކު ބައެއް މީހުން އަތުންފައިން ހަމަ އެއްކަމެއް ނުކޮށް ތިބެތެވެ. މިހެން އެކިކަހަލަ ކުޅިމަޖަލުގައި ތިބެތިބެފައި ކަމެއް ބޭނުންވާއިރަށް އެވީ “ އޭ ބުރޯ ނެތްތަ ހެލްޕެއް“ ގޮވާށެވެ. ނެތޭ ބުނެ ފަރުޖައްސައިލެވޭކަށް ނޯވެއެވެ. ފައިސާ ހުންނާނެކަން އެމީހުން ދަނެއެވެ. ނުދީފިއްޔާ ރުޅިހަދައި ”ކަޑަ“ވެދާނެތީވެ ނުދީއެއް ނުކެރެއެވެ. ދީފިއްޔާ އަނބުރާ ނުއެއް ލިބެއެވެ. ހެޔޮގޮތެއް ހަމަ އެއްގޮތެއް ނެތެވެ. ރީއްޗަށް ބުނަންޏާ، ފަރުވާއެއް ނެތް ރޯގާއެކެވެ.

ދަންނަންޖެހޭ ކަމަކީ ހަރަދު ބޮޑު މިޒަމާނުގައި ހެސްކިޔާފައި މަސައްކަތް ކުރާ ބަޔަކު އެވަނީ ހުއްޓުމެއް ނެތް ގުރުބާނީއެއް ކަމެވެ. އެވަރުންވެސް ދެކޮޅުނުޖެހޭ ކިތަންމެ ފަހަރެކެވެ. އެހާލެއްގައި ދިރިއުޅުމުގެ ޒަރޫރަތްތައް ފުދި ނުފުދި އުޅޭއިރު އެފަކީރުތަކަށް ލިބޭ އެއްޗަކަށް ކަޅިއަޅައިގެން ތިބެފައި އެއްޗެއް ހަމަ ލިބޭހެން ހީވީމާ “ އޭ ބުރޯ، ހައި ބުރޯއޭ“ ގޮވާ ”ހެލްޕަކަށް“ އެދޭ އެދުމަކީ ދެރަކަމެކެވެ. ގަދަފަދަ އިންސާނަކު ދެއަތް އުރައިލައިގެން ހަމަ ހުރެފައި ކޮންމެ ފަހަރަކު ސަލާންޖެހުމަކީ، ލަދުވެތިކަން ބޮޑު އެހާމެ ހުތުރުވެސް ޢަމަލެކެވެ. އެކަން ނުހުއްޓުމުން އެފަދަ ކަންކަމަށް އިޖާބަ ނުދެވުމުން ގުޅުން ހީނަރުވެގޮސް ނުހަނު ގާތް ގުޅުންތައް ކަނޑައިލަން ޖެހެނީ އެހެން ހަމަ އެއްވެސް މަގެއް ނުފެނުނީމައެވެ. ރުޅިއަޔަސް ކަޑަވިޔަސް ބުރޯއޭ ހެލްޕެކޭ ހަމަ ބުނާ އިރަކަށް ހެލްޕެއް ދެވެން ނެތީމަ އެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments