ސްޓާ ޖަމިއްޔާއިން އިސްނަގައިގެން ގަމުގައި ޚާއްސަ ދަރުސްތަކެއް ބާއްވައިފި

ލ.ގަމު ސޮސައިޓީ ފޯ ތުނޑި އެޑްވާންސްމަންޓް އެންޑް ރެކްރިއޭޝަން (ސްޓާ) ޖަމިއްޔާއިން އިސްނަގައިގެން ޚާއްސަ ދަރުސްތަކެއް ބާއްވައިފިއެވެ.
މި ދަރުސްތަކަކީ ލ.ގަމު ސްޓާ ޖަމިއްޔާ އާއި އިލްމު ޖަމްޢިއްޔާ އަދި ޖަމްޢިއްޔަތުލްސަލަފް ގުޅިގެން ބޭއްވި ދަރުސްތަކެކެވެ. “ނަފްސު ހޭލައްވާލަ ދޭށޭ” ނަމުގައި ގަމު މިސްކިތްތަކުގައި ސްޓާ ޖަމިއްޔާއިން ބޭއްވި މި ދަރުސްތައް ދެއްވީ އައްޝައިޚް މުޖްތަބާ ޙަމީދުއެވެ.
އެގޮތުން، ގަމު ހަތަރު މިސްކިތެއްގައި ދަރުސް ދެއްވާފައިވެއެވެ. ދަރުސް ދެއްވާފައިވަނީ މުކުރިމަގު އަވަށުގައި ހުންނަ މަސްޖިދުއް ޛިކްރާ އާއި މަތިމަރަދޫ އަވަށުގައި ހުންނަ މަސްޖިދުއް ތަޤްވާ، ތުނޑީ އަވަށުގައި ހުންނަ މަސްޖިދުލް ފަލާޙް އަދި އަލަށް އާބާދުވި ސަރަހައްދުގައި ހުންނަ މަސްޖިދުލް އިޚްލާސް ގައެވެ.
ސްޓާ ޖަމިއްޔާއިން ބުނީ މި ދަރުސްތައް ބޭއްވުމުގެ މަޤްސަދަކީ ރައްޔިތުންނަށް ދީނީ ގޮތުން ލިބެންޖެހޭ މައުލޫމާތުތައް ފޯރުކޮށްދީ އަދި ކުރިއަށް އޮތީ ރަމަޟާން މަސް ކަމަށްވުމާއެކު ދަރުސްގެ އެހީގައި ނަފްސު ހޭލައްވާލުން ކަމަށެވެ. ސްޓާ ޖަމިއްޔާއިން އިތުރަށް ބުނީ ހަތަރު މިސްކިތެއްގައި ދަރުސް ކުރިއަށްގެންގޮސްފައިވާއިރު، ފުދޭ ވަރެއްގެ ބޮޑު ތަރުޚީބެއް މި ޕްރޮގްރާމަށް ލިބިފައިވާ ކަމަށެވެ.
ސްޓާ ޖަމިއްޔާއިން ދަނީ ކައުންސިލާއެކު ކުރިއަށް އޮތް ރަމަޟާން މަހުގައިވެސް ޚާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް މަޝްވަރާކުރަމުންނެވެ.