ސިހުރުގެ ވަބާ: އެތައް ބައެއްގެ ދިރިއުޅުން ހަލާކުވެއްޖެ!

ސިހުރު ހެދުމަކީ ރާއްޖޭގައި މިހާރު އާންމުވެފައިވާ ނުބައި އަމަލެކެވެ. ސިހުރުވެރިން ސިހުރުހާހޫރު ހަދާ އުޅެނީ އެބައިމީހުންގެ ނެތް ކުޅަދާނެކަމެއް ހޯދުމުގެ މަޤްސަދުގައެވެ. މިކަމުގެ ނުރައްކާތެރިކަމަކީ، މާތް ﷲ އަށް އުރެދި، ސިހުރު ހަދާ މީހާ ޝައިޠާނާގެ އަމުރުތަކަށް ކިޔަމަންވާން ޖެހުމެވެ. ފަނާކުރަނިވި ބޮޑެތި ފާފަތަކުގެ ތެރޭގައި ސިހުރު ހިމަނުއްވާފައިވުމުން އެކަމުގެ ނުބައިކަމާއި އެކަމުގެ ސުންޕާކަން ހާމަވެގެންދެއެވެ.
ކުށްތަކުގެ ތެރޭގައި، އެ ކުށަކަށް އަރައިގަތުމުން ދީނުން ބޭރުވާފަދަ ކުށްތައް ހުރެއެވެ. އޭގެ ތެރެއިން އެއް ކުށަކީ ސިހުރު ހެދުމެވެ. ސިހުރު ހަދާ މީހުންގެ ސަބަބުން ގެއްލިގެންދަނީ އެތައް ބައެއްގެ އުފާވެރި ދިރިއުޅުމެވެ. އެތަކެއް އާއިލާތަކެއް ރޫޅެއެވެ. ދެމަފިރިންގެ ޒަވާޖީ ޙަޔާތް ބަރުބާދުވެ، ގާތް މިތުރުން ހަތުރުންނަށް މިވަނީ ވެފައެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރި އެތައް ބަޔަކު ތަންމަތިކޮށްލައެވެ. އެ ނުބައި ސިހުރުވެރިންގެ ސަބަބުން ދުޅަހެޔޮ ސިއްހަތެއްގައި ހުރި އެތައް ބަޔަކު ދުނިޔެ ދޫކޮށްފައިވެސް އެބަވެއެވެ. އަދި މި ނުބައި ޢަމަލުގެ ސަބަބުން އެތައް ކުދިންނެއްގެ ކިޔެވުމާއި މުސްތަޤުބަލް، ބޮޑު އަނދަވަޅުގަނޑެއްގެ ތެރެއަށް ވެއްޓެއެވެ.
ދީނީގޮތުން ބަލާއިރު ވެސް ސިހުރަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ވަރަށް ބޮޑަށް ނަހީކުރައްވާފައިވާ ޢަމަލެކެވެ. ދީނީ ޢިލްމްވެރިން ވިދާޅުވާ ގޮތުގައި ސިހުރު ހަދާ މީހެއްގެ ފަހަތުގައި ނަމާދުކުރުންވެސް މުސްލިމުންނަށް ހުއްދަ ނުވާނެއެވެ. އަދި ޢިލްމްވެރިން ވިދާޅުވާ ގޮތުގައި ސިހުރުވެރިޔާގެ ހުކުމަކީ ޤަތުލުކުރުމެވެ.
އިމާމު މާލިކު ވިދާޅުވި އެވެ. ”ސިޙުރު ހަދާ މީހާއަކީ ކާފިރެކެވެ. އޭނާ އަށް ކަނޑައެޅިފައިވާ ޙުކުމަކީ ޤަތުލު ކުރުމެވެ. ތައުބާވުމަށް އޭނާ ގާތު އެދުމެއް ވެސް ނުވެއެވެ. އަދި އޭނާގެ ތައުބާ ޤަބޫލު ކުރެއްވުމެއް ވެސް ނުވެއެވެ.“
ސިހުރު ހަދާ މީހާ މާތް ﷲ އަށް އުރެދެއެވެ. އަދި އެކަލާނގެ ވަޙީ ބަސްފުޅަށް ކިޔަމަންވުމުގެ ބަދަލުގައި ޝައިޠާނާގެ އަމުރުތަކަށް ތަބާވެއެވެ. ސިހުރުވެރިޔާ ޝައިޠާނާގެ އަމުރަށް ކިޔަމަންވުމަށް އިސްލާމްދީނުގައި ނަހީކުރައްވާފައިވާ އެތައް ކަމެއް ކުރެއެވެ. އިދިކޮޅުން ޤުރްއާނުގެ އާޔަތްތައް ލިޔެއެވެ. ތަރިތަކާއި ވާހަކަދައްކާ ތަރިތަކަށް ސަޖިދަވެސް ޖަހައެވެ. ސިހުރުވެރިޔާ ސިހުރު ހެދުމަށް ގޭތެރޭއަށް އެއްޗެހި ބުރުއްސާ ހަދައެވެ. ދޮރުމައްޗަށް ފެން އަޅައެވެ. ސިހުރު ހަދާފައި ހުންނަ އެއްޗެހި ކާންދީ، ބޯންދެއެވެ. ސިހުރު ވަޅުލައެވެ.
ސިހުރު ޖެހުމުން އެމީހަކަށް ވަރަށް ތަފާތު ބަދަލުތަކެއް އާދެއެވެ. ލޯބި ނަފްރަތަށް ބަދަލުވެއެވެ. އާދަޔާޙިލާފަށް ގިނައިން ބަލިވެއެވެ. އުފާވެރިކަން ހިތާމައަށް ބަދަލުވެއެވެ. ގޮތް ނޭނގޭ ސަބަބުތަކާހުރެ ރުޅި އާދެއެވެ. ޤުރުއާނުގެ އާޔަތްތައް ކިޔަވާ އަޑު އިވުމުން ރުއިން ހިމެނެއެވެ. ސިހުރު ޖެހުމުން މި ނޫނަސް އެތައް އުނދަގުލަކާއި ވޭނެއް ތަޙައްމަލު ކުރަންޖެހެއެވެ.
ބައެއް މީހުން ގަބޫލުކުރާގޮތުގައި ސިހުރަކީ ހަގީގަތެއް ނޫނެވެ. ނަމަވެސް ސިހުރަކީ ހަގީގަތެއްކަން ކީރިތި ޤުރުއާނާއި ސުންނަތުންވެސް ސާބިތުވެއެވެ. ސިހުރުގެ އެއްބާވަތަކީ އެކަންކުރާ މީހުންގެ ކުޅަދާނަކަމުން، މީސްތަކުންގެ ލޯމައްޗަށް އޮޅުވާލާ އޮޅުވާލުމެވެ. ދެވަނަ ބާވަތަކީ މީހުންގެ ހިތްތަކަށާއި، ހަށިގަނޑަށް އޭގެ އަސަރު ފޯރާ ބާވަތެވެ. މިޒާތުގެ ސިހުރު ހެދުމަށް މީހުންގެ އިސްތަށްޓާއި، ނިޔަފައްޗާއި، ފޭރާން އަދި ފައިވާން ފަދަ އެއްޗެހި ބޭނުންކުރެއެވެ. މިފަދަ ސިހުރުން، މީހުން މޮޔަކޮށްލާ، ބަލިކޮށް، މަރާލާ، ދެމަފިރިން ދުރުކުރުވައެވެ.
ސިހުރު އުނގެނުމަކީ ކާފިރުވާނެ ޢަމަލެއްކަން ކީރިތި ޤުރުއާނުން ސާބިތުވެއެވެ. އަދި ހަމަ އެފަދައިން ސިހުރު ހަދަ މީހެއް ނުވަތަ ފާލަ ބަލާ މީހެއްގެ ގާތަށްގޮސް، އޭނާ ދައްކާ ވާހަކަ ގަބޫލުކޮށްފި މީހެއްގެ ނަމާދު 40 ދުވަސް ވަންދެން ގަބޫލުނުކުރައްވާނޭ ކަންވެސް ކީރިތި ޤުރުއާނުގައި ބަޔާންކޮށްފައިވެއެވެ.
ސިހުރު ޖެހުމުން އެންމެ ފުރަތަމަ ފަރުވާ ކުރުމަށް އެދެވިގެންވަނީ އަމިއްލައަށެވެ. ދެން، ﷲ ސުބްޙާނަހޫ ވަޠަޢާލާގެ ހަޟްރަތުން ޝައިޠާނާގެ ނުބައިކަމުން ރައްކާތެރިކަން އެދި ދެންނެވުމެވެ. ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމެވެ. ޝަރުއީ ރުޤްޔާއަކީ ވެސް ސިހުރަށް އޮންނަ ފަރުވާއެކެވެ.
ސިހުރު ހެދުމަކީ ދިވެހިރާއްޖޭގައި ޤާނޫނީ ގޮތުން މަނާ ކަމެކެވެ. ނަމަވެސް ރާއްޖޭގެ ނިސްބަތަށް ބަލާއިރުވެސް، މި ނުބައި އަމަލު ކުރާ މީހުން މިވަނީ އިންތިހާއަށް ގިނަވެފައެވެ. ކުށެއްނެތް އެތައް ބައެއްގެ ދިރިއުޅުން ސިހުރުގެ ވަބާގެ ސަބަބުން ހަލާކުވެއްޖެއެވެ. ސިހުރުގެ ސަބަބުން އެތައް ބަޔަކު އެކަމާއި މުޅި އުމުރަށް ހަނގުރާމަ ކުރަންޖެހެއެވެ. ދުޢާއަކީ ނުބައި ނުލަފާ ސިހުރުވެރިންގެ ކިބައިން އަޅުގަނޑުމެން ސަލާމަތްކުރެއްވުމެވެ.