ހިލޭ ކިޔަވައިދޭ ކޮމްޕިއުޓަރ ޕްރޮގުރާމިންގ ކޯހެއް ލ.ގަމުގައި

މުޅިން ހިލޭ ކިޔަވައި ދިނުމަށް ހަމަޖެހިފައިވާ، ކޮމްޕިއުޓަރ ޕްރޮގްރާމިންގ ކޯހެއް ލ. ގަމުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ. ލ.ގަމު ކައުންސިލާއި އައިލެންޑު އިންސްޓިޓިއުޓް އޮފް ޓާޝިއަރީ އެޑިއުކޭޝަން އާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހަކީ ’ނޭޝަނަލް ސެޓްފިކެޓް 3 އިން ކޮމްޕިއުޓަރ ޕްރޮގުރާމިންގ ކޯހެވެ.‘
ޒުވާނުންނަށް އަމާޒުކުރެވިގެން ހިންގާ މިކޯސް ލ. ފޮނަދޫގައި ވެސް ހިންގާނެކަމަށް ކޯހުގެ މުދައްރިބު މަޢުލޫމާތު ދެއެވެ. މި ކޯހުގެ އޮރިއެންޓޭޝަން ރޭ ލ.ގަމު ޔޫތު ސެންޓަރުގައި ބާއްވާފައި ވާއިރު، ކޯހުގައި މިހާރު ޖުމްލަ 20 ދަރިވަރުން ބައިވެރިވެފައި ވެއެވެ. މިއީ 4 މަހާއި 6 މަހާ ދެމެދުގެ މުއްދަތަށް ހިންގާ ކޯހެކެވެ.
ޢުމުރުން 16 އަހަރާއި 35 އަހަރާއި ދެމެދުގެ މި ކޯހުގެ ބައިވެރިންނަށް ކޮންމެ މަހަކު އެލަވަންސްގެ ގޮތުގައި 2000 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވެއެވެ. މި ކޯހުގެ ކިޔެވުން އޮންނަނީ ހަފުތާއަކު ތިން ދުވަހުގެ ރޭގަނޑު ކަމަށާއި، ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އަދިވެސް އެބައޮތް ކަމަށް ލ.ގަމު ގަމު ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.