ފޮނަދޫ ކައުންސިލުން ރަމަޟާން މަހަށް ޚާއްސަކޮށްގެން މަދަހަ މުބާރާތެއް ބާއްވަނީ

ރަމަޟާން މަހަށް ޚާއްސަކޮށްގެން ފޮނަދޫ ކައުންސިލުން މަދަހަ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.
”ނޫރުލް ޚަޔާތް“ ނަމުގައި ބާއްވާ މި މުބާރާތް ބޭއްވުމުމުގެ މަޤްސަދަކީ ބަރަކާތްތެރި ރަމަޟާން މަހުގެ ޙުރުމަތާއި އެކަށޭނެހެން އެ މައްސަރު އިފްތިޚާލުކުރަން ފޮނަދޫގެ ސުކޫލު ކުދިންނަށާއި، އާންމުންނަށް ފުރުސަތު ފަހިކޮށްދިނުމެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހު 15 އިން 17 އަށެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ ލ، ފޮނަދޫ ރައްޔިތެއް ނުވަތަ ފޮނަދޫގައި ދިރިއުޅޭ ފަރާތްތަކަށެވެ. މުބާރާތުގައި ބައިވެރިވެވޭނީ ފޮނަދޫ ކައުންސިލުން ތައްޔާރުކޮށްފައިވާ ގޫގުލް ފޯމް ފުރިހަމަކޮށްގެންނެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ މަހު 2 ވަނަ ދުވަހުގެ 12:00 ގެ ކުރިންނެވެ.
ފޮނަދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ މުބާރަތް ރާވާފައިވަނީ 2 ބަޔަކަށެވެ. އެއީ ވަކިވަކި ބައިވެރިންގެ މަދަހައާއި ގްރޫޕް މަދަހައެވެ. ގްރޫޕް މަދަހަ ހުށަހެޅުމުގައި ހުރިހާ އުމުރުފުރައަކަށްވެސް ފުރުސަތު އޮންނާނެއެވެ. ވަކިވަކި މަދަހަ ހުށަހެޅުމުގެ ބައިގައި ވާދަކުރާނީ ޖުމުލަ 7 އުމުރުފުރައެކެވެ. އެއީ 6 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް، 19 އަހަރުން ދަށް އަދި 19 އަހަރުން މަތީގެ އުމުރުފުރާއެވެ.
މީގެއިތުރުން، ޚާއްސަ ގްރޫޕެއްގެ ގޮތުގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މަދަހަ ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. މި ބައިވެރިންގެ މެދުގައި ވަނަ ނުހޮވުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. ނަމަވެސް ދެން ހުރި އުމުރުފުރާތަކުގައި ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
6 އަހަރުން ދަށް އަދި 9 އަހަރުން ދަށުގެ ބައިން ގަދަ 5 ދަރިވަރުން ހޮވުމަށް ނިންމާފައިވާއިރު، ދެން ހުރި ހުރިހާ އުމުރިފުރައަކުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ.