ލ.ބުއްރަހާ ބެލެހެއްޓުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ލ.މާވަށް ފަޅުތެރޭ އޮންނަ ބުއްރަހާ ވަގުތީގޮތުން ބެލެހެއްޓުމަށް ޝައުގުވެރިވެލައްވާ ފަރާތްކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ލ.އަތޮޅު ކައުންސިލުން ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން އީމެއިލްގެ ޒަރީއާއިން ބިޑްގައި ރަޖިސްޓްރީވުމަށެވެ.
ބިޑްގައި ރަޖިސްޓްރީ ވުމަށް މެއިލްކުރާނީ [email protected]އަށެވެ.އަގު ހުށަހެޅުމުގެ ރަޖިސްޓްރީވާ ފަރާތްތަކުން އިޢުލާން ނަންބަރު، ރަޖިސްޓްރީވާ ފަރާތުގެ ނަމާއި މޯބައިލް ނަންބަރުވެސް ޖަހަން ޖެހޭނެއެވެ. އަގު ހުށަހެޅުން އޮންނާނީ މިމަހުގެ 17ގެ 10:00 ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާގައެވެ.
ބިޑް ކާމިޔާބުކުރާ ފަރާތަށް މި ރަށުގައި ނުކުރެވޭނެ ބައެއް ކަންކަން އަތޮޅު ކައުންސިލުން ވަނީ ހިއްސާކޮށްފައެވެ. އޭގެތެރޭގައި ރުއްގަސް ކެނޑުމާއި ރުއްގަސްވިއްކުން، ރަށުގެ ގޮނޑުދޮށުން ދޮންވެއްޔާއި ގައު އަދި ރަށު ތެރެއިން އެއްވެސް ބޭނުމަކަށް ނުނެގުން ހިމެނެއެވެ. މީގެއިތުރުން، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް މަނާކުރާ އެންމެހައި ކަންތައްތައް ކުރުން މަނާވާނެއެވެ.