ވަކިވެގެން ދާނީ ކާކު، ކޮންއިރަކު، ކިހިނެއް ކަމެއް ނޭނގެއެވެ.

ތިބާ އެބަޔަކު ދެކެ އެންމެ ލޯބިވާ، ތިބާ ދެކެ އެންމެ ލޯބިވާ މީހުންނެވެ. ތިބާ އެބަޔަކަށް އެންމެ ބޭނުންވާ ތިބާއަށް އެންމެ ބޭނުންވާނޭ މީހުންނެވެ. މައިން ބަފައިނާއި އާއިލާއެވެ. ފިރި ނުވަތަ އަނބިދަރިންނާއި، ގާތްތިމާގެ މީހުންނެވެ. ރަޙުމަތްތެރިންނާއި އެކުވެރިންނެވެ. ރައްޓެހިންނާއި ބައިވެރިންނެވެ.
އޭގެ ތެރެއިން މިދުނިޔެއިން ތިބާއާ ވަކިވެގެން ދިޔައީ ކިތައް މީހުން ހެއްޔެވެ. އެކުގައި ހޭދަކުރި ދުވަސްތަކުގައި ހިއްސާކުރި ކަންތައްތަކާއި ވަގުތުތައް، ދެކެވުނު ވާހަކަތަކާއި ކުރެވުނު އިހުސާސްތައް ހަނދާންތަކެއްގެ ގޮތުގައި ތިބާއަށް ހަދިޔާކުރަމުންނެވެ. އެކަނި ހުއްޓައި އެއިން މީހެއްގެ މަތިން ހަނދުމަވާހިނދު ހިނިތުން ވުން ގެނެސްދޭ ފަދަ އުފާވެރި ހަނދާންތަކާއި ލޮލުން ކަރުނަ އޮހޮރިގެންދާފަދަ ހިތާމަވެރި ހަނދާންތަކެވެ.
އެއިން ކޮންމެ މީހެއްގެ ވަކިވެ ދިޔުމުން އެ ބުނެދިނީ ވަރަށް އިބުރަތްތެރި ވާހަކަތަކެކެވެ. މި ފަނާކުރަނިވި ހަޔާތުގައި ތިބާއާ އެކުގައިވާ އެއްވެސް މީހަކީ ތާއަބަދަށް އެކުގައި އުޅޭނޭ މީހެއް ނޫން ކަމެވެ. ކޮންމެ މީހަކީ ވެސް ކޮންމެ ވެސް ދުވަހަކުން ވަކިވެގެން ދާނޭ މީހެެއް ކަމެވެ. ގެއްލި ދެތަންވާނޭ މީހެއްކަމެވެ. ނޭނގޭ ކަމަކީ އެއީ ކޮންއިރަކު ކޮންތާކު ކިހިނެއްކަމެވެ. އެކަމަކު ޔަގީންވާ ކަމަކީ، ކޮންމެ މީހަކު ވެސް ވަކިވާނެކަމެވެ. ނުވަތަ ވަކިވާން ޖެހޭނެކަމެވެ.
އެހެންކަމުން އެއިން މީހަކު ތިބާ ކުރެން ކަމަކު އެދިއްޖެ ނަމަ އެކަމެއް ކޮށްދިނުމުގައި އަވަސްވެގަންނާށެވެ. އެއިން މީހަކާއިއެކު ހޭދަކުރުމަށް ލިބޭ ވަގުތެއް ބޭކާރު ކޮށްނުލާށެވެ. އެބައިމީހުންނަކީ ކިހާ މުހިންމު ބައެއްކަމާއި، ތިބާ އެމީހުން ދެކެ ލޯބިވާކަން މިހާރު ހާމަކޮށްދޭށެވެ. ފަހުން އެފަދަ ފުރުޞަތެއް ނުލިބިދާނެއެވެ. އެކަމުގެ މައްޗަށް ހިތާމަކުރަން ޖެހިދާނެއެވެ. މަރުގެ ސަފުގެ ތަރުތީބެއް އެކަކަށްވެސް ނޭނގޭނެއެވެ. ފުރަތަމަ އަހަރެން ކަމެއް ނުވަތަ ތިބާ ކަމެއްވެސް ނޭނގެއެވެ. ވަކިވެގެން ދާންޖެހޭނީ ކާކު، ކޮންއިރަކު، ކިހިނެއް ކަމެއް ވެސް ނޭނގޭނެތެވެ. ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ.