އީދު ލައިޓްތަކުން ފޮނަދޫ ދިއްލާލައިފި
Eid light thakun fonadhoo dhihlaalaifi

ފިޠުރު އީދާ ދިމާކޮށް ރަށްތައް ދިއްލާލުމުގެ ހަރަކާތުގެ ތެރެއިން ލ. ފޮނަދޫ އީދު ލައިޓްތަކުން ދިއްލާލައިފިއެވެ.
އީދު ލައިޓްތަކުން ފޮނަދޫ ޒީނަތްތެރިކޮށްފައިވާއިރު، ލ.ގަމުގައި ވެސް ވަނީ ލައިޓް ހަރުކުރުމުގެ މަސައްކަތް ފަށައިފައެވެ. އެގޮތުން ގަމުގެ ލިންކްރޯޑުގެ ބައެއް ހިސާބުތަކުގައި ވަނީ ލައިޓްތައް ހަރުކޮށް ދިއްލަން ފަށައިފައެވެ.
މި އަހަރު އަލަށް ދިއްލާ 36 ރަށާއެކު ޖުމްލަ 65 ރަށެއް މި އަހަރު ފިތުރު އީދުގައި ދިއްލާލުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ ”ޢީދުއަލި“ ހަރަކާތައް ޢީދުލައިޓް ފޮނުވަން ހަމަޖެހިފައިވަނީ ކޮންމެ އަތޮޅެއްގެވެސް އެންމެ އާބާދީ ބޮޑު ދެރަށަށެވެ. ލ. އަތޮޅުގެ ރަށްތަކުގެ ތެރެއިން އީދު އަލިން ދިއްލާލުމަށް ހަމަޖެހިފައިވަނީ ލ.ގަމާއި ލ. މާވަށެވެ.
އެންމެ ފުރަތަމަ ޢީދު ލައިޓްތައް ދިއްލާފައިވަނީ މާލޭ ސަރަހައްދުގައި އެކަންޏެވެ. ނަމަވެސް، ޢީދު ލައިޓުން މަގުތައް ޒިނަތްތެރިކުރުމުގެ މަޝްރޫއު މިހާރު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކޮށްފައެވެ.