ރޯސް ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ލަސާއަށް
Rose balikoh final ge furathama jaaga LASA ah

ޑަބްލިޔުޑީސީ ފުޓްސަލް ޓޯނަމެންޓް 2025 ގައި ރޭ 5-0 ގެ ނަތީޖާއަކުން ރޯސް ބަލިކޮށް، ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީ (ލަސާ) އިން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.
މުބާރާތުގައި ލަސާ އިން ފުރަތަމަ ކުޅުނު މެޗު އެއްވަރުވި ނަމަވެސް، އެ ޓީމުން ވަނީ ފެންވަރު ދައްކާލައި، ތަފާތު ބޮޑު ނަތީޖާއަކުން ޖެހިގެން އައި ދެ މެޗު ކާމިޔާބުކޮށްފައެވެ. އަދި ރޭގެ މެޗު ކާމިޔާބުކޮށް، އެ ޓީމުން ވަނީ ޖުމްލަ 10 ޕޮއިންޓާއެކު ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައެވެ.
ތުނޑީ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ލަސާ އިން ވަނީ ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި ރޯސް އިން ވަނީ މެޗުގައި ރަނގަޅު ޑިފެންސިވް ކުޅުމެއް ކުޅެފައެވެ. ނަމަވެސް، ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް މަރިޔަމް ނޫރާ ވަނީ ލަނޑު ޖަހައި ލަސާއަށް ކުރިހޯދަދީފައެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ފަރަގަކާއެކުއެވެ.
ދެވަނަ ހާފު ފެށިގެން ލަސާ އިން ކުޅުނީ އިތުރު ލަނޑުތަކެއް ޖަހައި، ލީޑު ފުޅާކުރުމަށެވެ. އެގޮތުން، ހާފުގެ ކުރީކޮޅު ފާތިމަތު ތީބާ ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހައި، ލަސާއަށް ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗުގެ ހަތްވަނަ މިނެޓުގައި ނޫރާ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފައެވެ.
މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ލަސާ ޓީމުގެ ފަސްވަނަ ލަނޑު ޖެހީ ޒުވާން ކުޅުންތެރިޔާ، އާއިޝަތު ޒައިކާ އެވެ. މި މެޗުގެވެސް މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ނޫރާ އެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭގައެވެ.