ބައިބަލާ ޗެމްޕިއަން ޓީއެފްޓީގައި ގަމަށް ނިސްބަތްވާ ހަތަރު ކުޅުންތެރިން
Baibalaa Champion TFT gai Gamah nisbaiyvaa 4 kulhuntherin

ހައްދުންމަތީ ގަމަށް ނިސްބަތްވާ ހަތަރު ކުޅުންތެރިންނާއެކު ކުޅުނު ދި ފުޓްސަލް ޓައުން (ޓީއެފްޓީ) އިން އީދު ބައިބަލާ ޗެލެންޖުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި އަލަށް ތަރައްގީކުރި ބައިބަލާ މައިދާނުގައި ކުރިޔަށްދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ޓީއެފްޓީން ހޯދީ، ރޭ ކުޅުނު ފައިނަލުގައި ސީދާ ދެ ގޭމުން ލޮރެންޒޯ ސްޕޯޓްސް ކްލަބް ބަލިކުރުމަށްފަހުއެވެ.
މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީއެފްޓީގައި ހިމެނޭ ގަމަށް ނިސްބަތްވާ ކުޅުންތެރިންނަކީ މުހައްމަދު ލުފްޝާން (ޕަފް)، ހުސައިން ސޯބިރު (އެޑީ)، ހަސަން ޒައިދު (ޒޯރޯ) އަދި އަނަސް އަދުނާން (ޑަންޑު) އެވެ. މީގެއިތުރުން، ޓީމުގެ އޮފިޝަލެއްގެ ގޮތުގައި ހުރެ، ހުސައިން ނިރާސް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
މުޅި މުބާރާތުގައިވެސް މި ކުޅުންތެރިން ވަނީ ތަފާތު ދައްކާފައެވެ. ހާއްސަކޮށް، ރޭގެ ފައިނަލް މެޗުގައި ޕަފް، ޒޯރޯ އަދި އެޑީ ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ.
މިއަހަރުގެ މުބާރާތުގައި ލ.އަތޮޅަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް ވަނީ އެކި ޓީމުތަކަށް ކުޅެފައެވެ. ހާއްސަކޮށް، މިއަހަރު އަލަށް ބައިވެރިވި ޒެޕޯ ޓީމުގެ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ އަހުމަދު ރަނީން އާއި އަލީ ޝާމް (ބަޓިސް) ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. އަދި ރަނީން ވަނީ މުބާރާތުގެ ޑްރީމް ޓީމުގައިވެސް ހިމެނިފައެވެ. ޒެޕޯ މުބާރާތުން ކެޓީ ސެމީ ފައިނަލުގައި، ލޮރެންޒޯ އަތުންނެވެ.