ބެސްޓް ބަލިކޮށް އަފޭން ސެމީއާ ގާތަށް، ކަންމައްޗާއި މާމެންދުއަށް މުހިންމު މޮޅެއް

BEST balikoh Afeyn Semi aa gaathah, Kanmahchaai Maamendhuah muhinmu molheh

ދި ހޯކްސް ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2025 ގައި ރޭ ބެސްޓް ސްޕޯޓްސް ކްލަބް ބަލިކޮށް، އަފޭން ސެމީ ފައިނަލާ ގާތަށް ޖެހިލިއިރު، މާމެންދޫ ޔުނައިޓެޑާއި ކަންމަތި ސްޕޯޓްސް ކްލަބުން މުހިންމު މޮޅެއް ހޯދައިފިއެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އަފޭންނުން ވަނީ 8-1 ގެ ނަތީޖާއަކުން ބެސްޓް ބަލިކޮށް، ސެމީއަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފައެވެ. އެ ޓީމު ވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. މިއާއެކު، ޖުމްލަ ނުވަ ޕޮއިންޓު ލިބިފައިވާ އަފޭން ސެމީ ފައިނަލްގެ ޖާގަ ޔަގީން ކުރުމަށް ބޭނުންވަނީ އެންމެ މޮޅެކެވެ.

ފޮނަދޫ މެދުއަވަށު ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ބެސްޓުންނެވެ. މެޗުގެ ދެވަނަ މިނެޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ އަބްދުﷲ ފަރީސް (ފަރިއްޓެ) އެވެ. ނަމަވެސް، އޭގެ މިނެޓެއް ފަހުން އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ވަނީ ލަނޑު ޖަހައި އަފޭންނަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

އަފޭންނުން މެޗުގައި ފުރަތަމަ ފަހަރަށް ކުރިހޯދީ، މެޗުގެ އަށްވަނަ މިނެޓުގައި އަލީ ރިޝްވާން އަހުމަދު (ރިޝޭ) ޖެހި ލަނޑާއެކުއެވެ. އޭގެ މިނެޓެއް ފަހުން އިބްރާހިމް އަސްވަދު (ގަބޭ) ވަނީ ލަނޑު ޖަހައި އަފޭންނަށް ލީޑު ފުޅާކޮށްދީފައެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން ބެސްޓުގެ ހަސަން ސޮލާހު އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބިޗަޑް އޭނާގެ ދެވަނަ ލަނޑު ޖެހިއިރު، މުހައްމަދު ލިޔާހު ވަނީ އެއް ލަނޑު ޖަހާފައެވެ. މިއާއެކު، އަފޭންނުން ފުރަތަމަ ހާފު ނިންމާލީ ފަސް ލަނޑުގެ ފަރަގަކާއެކުއެވެ.

ދެވަނަ ހާފު ފެށިގެން އަފޭންނުން ވަނީ ގާތްގާތު ދެ ލަނޑު ޖަހާފައެވެ. އެ ދެ ލަނޑު ޖެހީ ލިޔާހު އާއި ގަބޭ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބިޗަޑް އެވެ.

ރޭގެ ފުރަތަމަ މެޗުގައި މާމެންދޫ ޔުނައިޓެޑުން ވަނީ 8-4 ގެ ނަތީޖާއަކުން ރަސްހިންނެ ސްޕޯޓްސް ކްލަބް ބަލިކޮށް، މުބާރާތުގައި ފުރަތަމަ މޮޅު ހޯދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު، މާމެންދޫ ޓީމުގެ ޔޫސުފް މޫސާ ވަނީ ހަތަރު ލަނޑު ޖަހާފައެވެ. މީގެއިތުރުން، އަހުމަދު ހަލީމް (އައްމަޑޭ) އާއި އަހުމަދު ޒާދު ވަނީ ދެ ލަނޑު ޖަހާފައެވެ. ރަސްހިންނެ ޓީމުގެ އަބްދުﷲ އާދިލް ހެޓްރިކް ހެދިއިރު، އެ ޓީމުގެ ފަހު ލަނޑު ޖެހީ އަހުމަދު އުސާމް އެވެ.

ރޭގެ ފަހު މެޗުގައި ކަންމަތިން ވަނީ 8-2 ގެ ނަތީޖާއަކުން އެވާލީ ސްޕޯޓްސް ކްލަބް ބަލިކޮށް، މުބާރާތުގެ ދެވަނަ މޮޅު ހޯދާފައެވެ. މި މެޗުގައި ކަންމަތިގެ މުހައްމަދު ޝާއިރު ފަސް ލަނޑު ޖެހިއިރު އަހުމަދު ހުސައިން ވަނީ ދެ ލަނޑު ޖަހާފައެވެ. އަދި މައުރޫފް އަލީ (އޫޓު) ވަނީ އެއް ލަނޑު ޖަހާފައެވެ. އެވާލީގެ ލަނޑުތައް ޖެހީ އަހުމަދު ނަދީމް އާއި އަލީ ޝިމާޒް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކަންމަތިގެ ޝާއިރު އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments