ލާމު ބްލޫސް އާއި މާމެންދޫ މޮޅުވެ، ގުރޫޕު ”އޭ“ ގެ ފޯރި އިތުރަށް ގަދަވެއްޖެ
Laamu Blues aai Maamendhoo molhuve, group "A" ge foari ithurah gadhavehje

ދި ހޯކްސް ލީޑް ވެޓްރަންސް ފުޓްސަލް ޓޯނަމެންޓް 2025 ގައި މިރޭ ލާމު ބްލޫސް އާއި މާމެންދޫ ޔުނައިޓެޑް މޮޅުވެ، ގުރޫޕު ”އޭ“ ގެ ފޯރި އިތުރަށް ގަދަވެއްޖެއެވެ.
މިރޭގެ ފުރަތަމަ މެޗުގައި ލާމު ބްލޫސް އިންވަނީ 3-2 ގެ ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން އަފޭން ބަލިކޮށްފައެވެ. އަދި މާމެންދޫ ޔުނައިޓެޑުން ވަނީ 8-1 ގެ ނަތީޖާއަކުން ބެސްޓް ސްޕޯޓްސް ކްލަބް ބަލިކޮށްފައެވެ. މިއާއެކު، އަފޭންނާއި ލާމު ބްލޫސް އަދި މާމެންދުއަށް ވަނީ ނުވަ ޕޮއިންޓު ލިބިފައެވެ. ލާމު ބްލޫސް އަށް ބާކީ ދެ މެޗު އޮތް އިރު، އަފޭންނާއި މާމެންދުއަށް އޮތީ އެއް މެޗެވެ. މިއާއެކު، ސެމީ ފައިނަލަށް ދާނެ ދެ ޓީމު ކަށަވަރުވާނީ ގުރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތަކަށްފަހުއެވެ.
ލާމު ބްލޫސް އާއި އަފޭން ބައްދަލުކުރި މެޗު ފެށިގެން ނުވަވަނަ މިނެޓުގައި އާދަމް ވަޖީހު (ވަޖީ) ވަނީ ލަނޑެއް ޖަހައި ލާމު ބްލޫސް އަށް ކުރިހޯދަދީފައެވެ. ނަމަވެސް، ހާފުގެ ފަހު މިނެޓުގައި މުހައްމަދު ފާސިރު (ފާއްޓެ) ވަނީ ލަނޑު ޖަހައި އަފޭންނަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ވަޖީ ވަނީ އިތުރު ލަނޑެއް ޖަހައި، ލާމު ބްލޫސް އަށް ދެވަނަ ފަހަރަށް ކުރިހޯދަދީފައެވެ. އަދި އޭގެ ހަތް މިނެޓު ފަހުން އޭނާ ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ. މެޗުގެ ފަހު މިނެޓުގައި ފާއްޓެ ވަނީ ލަނޑެއް ޖަހައި އަފޭންނަށް ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް، މެޗު ނިމުމުގެ ކުރިން އެ ޓީމަށް އިތުރު ލަނޑެއް ޖެހޭގޮތެއް ނުވިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ލާމު ބްލޫސްގެ ވަޖީ އެވެ.
މާމެންދުއާއި ބެސްޓް ބައްދަލުކުރި މެޗު ފެށިގެން ފުރަތަމަ މިނެޓުގައި އިބްރާހިމް ގަހުތާން ވަނީ މާމެންދުއަށް ކުރިހޯދަދީފައެވެ. އަދި ޔޫސުފް މޫސާ އާއި އަހުމަދު ހަލީމް (އައްމަޑޭ) ޖެހި ލަނޑާއެކު އެ ޓީމުން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. ބެސްޓުގެ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޖެހީ ހަސަން ސޮލާހު އެވެ.

ދެވަނަ ހާފުގައި މާމެންދޫން ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ. އެގޮތުން، އައްމަޑޭ ވަނީ އިތުރު ހަތަރު ލަނޑު ޖަހާފައެވެ. އަދި ޔޫސުފް ވަނީ އެއް ލަނޑު ޖަހާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާމެންދޫ ޔުނައިޓެޑްގެ އައްމަޑޭ އެވެ.
ގަމު ކައުންސިލް ރެކްރިއޭޝަން ކްލަބް (ޖީސީއާރުސީ) އިން ވަނީ 8-5 ގެ ނަތީޖާއަކުން ރަސްހިންނެ ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރިހޯދައި، މުބާރާތުގައި ފުރަތަމަ މޮޅު ހޯދާފައެވެ. މި މެޗުގައި ޖީސީއާރުސީގެ މުހައްމަދު ޝާހީން (މޯޑު) ހެޓްރިކް ހެދިއިރު، އަލީ ޔޫސުފް (އައިޑީ) އާއި އިބްރާހިމް ފަސާހު ވަނީ ދެ ލަނޑު ޖަހާފައެވެ. އަދި ފަހުދު އަދުނާން (ފަހުއްޓޭ) ވަނީ އެއް ލަނޑު ޖަހާފައެވެ. ރަސްހިންނެގެ ޝަމީމް ހަސަން ހެޓްރިކް ހެދިއިރު، އަނެއް ދެ ލަނޑު ޖެހީ އަހުމަދު ފަޒީލް (އޮއްޕޮ) އާއި އަބްދުﷲ އާދިލް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޖީސީއާރުސީގެ އައިޑީ އެވެ.

ގުރޫޕު ”އޭ“ ގެ ބެސްޓް، ޖީސީއާރުސީ އަދި ރަސްހިންނެ ވަނީ މުބާރާތުން ކަޓާފައެވެ. ސެމީ ފައިނަލުގެ ޖާގަ ލިބޭނީ އަފޭން، ލާމު ބްލޫސް އަދި މާމެންދޫ ޔުނައިޓެޑުގެ ތެރެއިން ދެ ޓީމަށެވެ.