މަސްވެރިންނަށް ލޯނާއި ކްރެޑިޓް ކާޑު ދޫކުރާ ގޮތަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
Masverinnah loan aai credit card dhookuraa gothah ehbasvumehgai soekohfi

މަސްވެރިންނަށް ލޯނާއި، ކްރެޑިޓް ކާޑު ދޫކުރާ ގޮތަށް ފިޝަރީޒް މިނިސްޓްރީއާއި ބީއެމްއެލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިނިސްޓްރީގެ ފަރާތުން މި އެއްބަސްމުގައި ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ. ބީއެމްއެލް ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފެވެ.
މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް އެ ފަރާތްތަކުގެ އާމްދަނީއަށް ބަލައި، ޕާސަނަލް ފައިނޭންސިން، ކްރެޑިޓް ކާޑު، އަދި ގެދޮރު ލޯނު ފަދަ އެކި ބާވަތުގެ ކްރެޑިޓް ފެސިލިޓީތަކަށް ވާސިލުވުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ބީއެމްއެލް އިން ބުނެއެވެ. މީގެއިތުރުން މި އެެއްބަސްވުމާއެކު ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީއާ ނުލައި 300,000 ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިން ވެސް ނެގޭނެ ކަމަށްބީއެމްއެލް އިން ވަނީ ބުނެފައެވެ. ބީއެމްއެލް އިން ބުނީ މަސްވެރިކަމުގެ މޫސުމާ އެއްގޮތަށް އަނބުރާ ފައިސާ ދެއްކުމަށް ވެސް ފަސޭހަގޮތްތަކެއް ހަމަޖެހިގެންދާނެކަމަށެވެ.
ހަމަމިއާއެކު، ގައުމީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުން، ޕާސަނަލް ފައިނޭންސިންގެ އިތުރުން، މަސްވެރިންނަށް ހޯމް ބިލްޑް ފައިނޭންސިން، ހޯމް ޕާޗޭސް ފައިނޭންސިން އަދި ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިން އަށް ވެސް ހުށަހެޅޭނެ ކަމަށްއެ ކުންފުނިން ބުނެފައިވެއެވެ.