ކަލޭ ކޮށްދިނީ ކޮންކަމެއް؟ ފިރިންނަށް ހައްގު މިންވަރު.

އިންސާނުންގެ ތެރެއިން އެންމެ ފުރަތަމަ ދުނިޔެއަށް ފޮނުވީ ފިރިހެނެކެވެ. އާދެ އާދަމް ގެ ފާނެވެ. އާދަމުގެ ފާނު ހަށިކޮޅުން ހައްވާގެ ފާނު ހެއްދެވިއެވެ. އެންމެ ފުރަތަމަ ފިރިހެނަކު ހެއްދެވި ކަމީ ޢިބުރަތެކެވެ. ފިރިހެނުން ނަކީ އަންހެނުން ރައްކާތެރި ކޮށް ހިމާޔަށް ކޮށް ދޭ މީހުނެވެ. ފިރިހެނުން ލައްވާފައި ވަނީ އަންހެނުން ނަށް ވުރެ ޖިސްމާނީ އަދި ނަފްސާނީގޮތުންވެސް ވަރުގަދަ ބައެއްގެ ގޮތުގައެވެ. އެމީހުންނަކީ އާއިލާއެއް ބެލުމުގައި ދެމި ތިބޭ ބައެކެވެ. ބުރަ މަސައްކަތް ކުރާ ބައެކެވެ. އެމީހުންނަށް ގަދަރު ކުރަން ޖެހެނީ މި ސަބަބުތަކަށް ޓަކައެވެ. ދެ ޖިންސުގެ ތެރެއިން ފިރިހެނުން ނަކީ މާތް ބައެކެވެ.
ކިތަންމެ ބަނޑުހައި ވެފައި ހުއްޓަސް އެމީހުންގެ އަތުގައި އޮންނަ ކާއެތިކޮޅު އެމީހުންގެ ކޮއްކޮ ނުވަތަ ދައްތައަށް ޓަކައި ގުރުބާން ކުރެއެވެ. ފިރިހެނުން އެ މީހުންގެ މައިންބަފައިންގެ ހިނިތުންވުމަށް ޓަކައި އެ މީހުންގެ ހުވަފެންތައް ގުރުބާން ކުރެއެވެ. ފިރިހެނުން އެ މީހުންގެ އަނބިންނަށްޓަކައި ޖީބު ހުސްކޮށް ހަރަދު ކުރެއެވެ. ދަރިންނާއި އަނބިންގެ ހައްގުގައި އެއްވެސް ޝަކުވާއެއް ކުރުމެއް ނެތި ރެއާއިދުވާލު ބުރަ މަސައްކަތް ކުރެއެވެ. ދަރަނިވެރިވެ ލޯނު ނަގައިގެން ކަމުގައި ވީ ނަމަވެސް އާއިލާގެ އުފަލަށް ޓަކައި މުޅި އުމުރު ލޯނު ދެއްކުމުގައި ދެމިހުރެއެވެ. އޭނާގެ ހަޔާތް ނިމިދަނީ މި ގޮތުގެ މަތީގައި އެހެން މީހެއްގެ ހުވަފެންތައް ހަގީގަތަކަށް ހަދާ ދިނުމުގެ ތެރޭގައެވެ. އެހެނަސް ފިރިހެނުންނަށް ތައުރީފުކޮށް ޝުކުރުގެ ބަހެއް ރައްދު ކުރަނީ ފަހެ ކާކު ހެއްޔެވެ.
އޭނާ ބޭރަށް ގޮއްސި ނަމަ އޭނާ އަކީ ފަރުވާ ކުޑަ، އަޅާނުލާ އަބަދު ބޭރުގައި އުޅޭ މީހެކެވެ. ގޭގައި ހުރެއްޖެ ނަމަ މަސައްކަތެއް ކުރަން ނުކެރޭ ކަންނެތް މީހެކެވެ. ދަރިއަކާ ދިމާއަށް ބާރަށް އެއްޗެއް ބުނެފި ނަމަ ދަރިން ދެކެ ލޯބި ނުވާ ރުޅިގަދަ މީހެކެވެ. ދަރިއަކާއި ދިމާއަށް އެއްޗެއް ނުބުނާނަމަ ދަރިން ހަލާކު ކުރާ މީހެކެވެ. އަނބިމީހާ ވަޒީފާ އަށް ނުފޮނުވާ ނަމަ މިނިވަން ކަން ނުދޭ މީހެކެވެ. އަނބިމީހާ ވަޒީފާ އަށް ފޮނުވާ ނަމަ އަނބިމީހާ ގެ ތައްޕާހުގައި ދިރިއުޅޭ މީހެކެވެ. އަބަދު މަސައްކަތުގައި އުޅޭ ނަމަ ވަގުތު ނުދޭ މީހެކެވެ. މަންމަ ބުނާ ގޮތަކަށް އަމަލު ކޮށްފި ނަމަ އޭނާ އެއީ އަނބިމީހާ އެއްވެސް މީހެއް ކަމުގައި ނުބަލާ މީހެކެވެ. އަނބި މީހާ ބުނާ ގޮތަކަށް އަމަލުކޮށްފި ނަމަ އަނބިދަށުވެފައި ވާ މީހެކަށެވެ.
މައިންބަފައިގެ ހައްގުގައި ގުރުބާންވަނީ ކިތަށް ދަރިން ހެއްޔެވެ. އަނބިދަރިންގެ ހައްގުގައި ގުރުބާން ވަނީ ކިތަށް ފިރިން ހެއްޔެވެ. ފިިރިހެނަކު ކުރާ މަސައްކަތުން ހޯދާ ފަިސާއިން ހަރަދުކޮށް ބަލަނީ އެހެން މީހެކެވެ. އެހެންބައެކެވެ. އާދެ.. އެއީ އެމީހުންގެ ޒިންމާއެވެ. އެހެނަސް ދެރަކަމަކީ ހިތާމައަކީ އެ މީހުންގެ ހައްގުގައި އެމީހުންގެ އުފަލަށްޓަކައި ޝުކުރުވެރި ވާން ތިބޭ މީހުން އެކަން ނުކުރުމެވެ. އެ މީހުން ކޮށްދޭ ކަންކަން ބަަލައި ނުގަތުމެވެ. ދޭންޖެހޭ ގަދަރާއި އިއްޒަތް ނުދިނުމެވެ. އެއްހާސް ކަންތައް ކޮށްދިނުމަށް ފަހު އެންމެ ކަމެއް ކޮށް ނުދެވުނަސް، އޭނާއަކީ ދުވަހަކުވެސް ކަމެއް ކޮށްދިން މީހެއް ކަމުގައި ނުވެއެވެ.
ކަނބަލުންނޭވެ. ކޮށްނުދޭ ނުވަތަ ކޮށް ނުދެވޭ ކަންކަމުގެ ވާހަކަ ދެއްކުމުގެ ކުރިން ކޮށްދެވުނު ކަންކަމަށް ޝުކުރުވެރި ވާށެވެ. އެއްވެސް މީހަކަށް ހުރިހާ ކަމެއް ކޮށް ނުދެވޭނެއެވެ. ކަމެއް ކޮށް ދިނުމަކީ އޯގާވެރި ވުމަކީ އަގުބޮޑެތި އެއްޗެހި ގަނެ ހަދިޔާ ކުރުމެއް ނޫނެވެ. ކިތަންމެ އަގު ހެޔޮ އެއްޗެއް ކަމުގައި ވިޔަސް ބުރަމަސައްކަތުން ހޯދައި ދިނުމަކީ އޯގާވެރިކަމެވެ. ބަނޑުފުރާނަ މުއްތިކުރުމަށް މަސައްކަތް ކުރުމަކީ އަޅާއިލުމެވެ. އެމީހުންގެ ދެ އަތްތިލަ، ކުރަކިވެގެން އެހެރަ ދަނީ ކަނބުލޭގެ އަތްތިލަ އޮމާން ކޮށްދިނުމުގައެވެ. އަރާއިރުން ވުމެއްގައި ނަމަވެސް ކަލޭ ކޮށް ދިނީ ކޮންކަމެއްހޭ ފިރިންނާއި ދިމާއަށް ނުބުނާށެވެ.