ބެންޗް ބްރަދާސް ބަލިކޮށް، ބީޖީއެސްސީން ތަށި ދިފާއުކޮށްފި
Bench Brothers balikoh, BGSC in thashi dhifaaukohfi

ހައްދުންމަތީ ހިތަދޫ ކައުންސިލް ޖޮޒީ އެމްވީ ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި 6-2 ގެ ނަތީޖާއަކުން ބެންޗް ބްރަދާސް ބަލިކޮށް، ބްރޭވް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ބީޖީއެސްސީ) އިން މުބާރާތުގެ ތަށި ދިފާއުކޮށްފިއެވެ.
މިދިޔަ އަހަރުގެވެސް ޗެމްޕިއަންކަން ހޯދި ބީޖީއެސްސީ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ފޯކްސް ސްޕޯޓްސް ކްލަބް ބަލިކުރުމަށްފަހުއެވެ. އަދި ބެންޗް ފައިނަލުން ޖާގަ ހޯދީ ގްރޭޓް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ޖީޖީއެސްސީ) ބަލިކުރުމަށްފަހުއެވެ.
ހިތަދޫ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީވެސް ބީޖީއެސްސީންނެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ކެޕްޓަން، ހުސައިން ޝަރީފް (އޮންލީ) އެވެ. އޭގެ ކުޑަވަގުތުކޮޅެއް ފަހުން އަހުމަދު ހަލީމް (އައްމަޑޭ) ވަނީ ބީޖީއެސްސީއަށް ލީޑު ފުޅާކޮށްދީފައެވެ.
ފުރަތަމަ ހާފު ނިމެން ގާތް ވެފައިވަނިކޮށް، އަޔާޒް އަހުމަދު (އަޔާ) ޖެހި ލަނޑާއެކު ބީޖީއެސްސީން ހާފު ނިންމާލީ ތިން ލަނޑުގެ ލީޑަކާއެކުއެވެ.
ދެވަނަ ހާފު ފެށުނުތަނާ އައްމަޑޭ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފައެވެ. ބެންޗަށް އުއްމީދު އައުވީ އަބްދުﷲ ފިޒާން އަބްދުލް ޣަފޫރު (ފިޒޭ) ޖެހި ލަނޑާއެކުއެވެ. ނަމަވެސް، އޭގެ ކުޑަ އިރުކޮޅެއް ފަހުން އަޔާ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، ބީޖީއެސްސީއަށް އަލުން ހަތަރު ލަނޑުގެ ލީޑު ހޯދަދީފައެވެ. އަދި އަހުމަދު އަލްތާފް އަޒީމް (އަލްތޮ) ޖެހި ލަނޑާއެކު އެ ޓީމުން ވަނީ ފަސް ލަނޑުގެ ލީޑެއް ހޯދާފައެވެ. މި މެޗުގައި ބެންޗުގެ ދެވަނަ ލަނޑު ކާމިޔާބުކުރީ އަހުމަދު ނަސްއަތު އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބީޖީއެސްސީގެ އަޔާ އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ބީޖީއެސްސީގެ އައްމަޑޭ، އޮންލީ، މުހައްމަދު ރަޝީދު (ޓޭޓު)، ބެންޗުގެ ތޯއިފް ގާސިމް (ތޯއްޕެ) އަދި ޖީޖީއެސްސީގެ ލޫތު އަހުމަދު ފަތުހީ (ޕިރޫ) އެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން ކިންގަކަށް ހޮވިފައިވަނީ އައްމަޑޭ އެވެ.
މި މުބާރާތުގެ “ރައިސިންގ ސްޓަރ” އަކީ ފޯކަސްގެ އަހުމަދު ރުވާއު އެވެ. އެންމެ މޮޅު ކޯޗަކީ ބެންޗުގެ އަހުމަދު ލަތީފެވެ. އަދި ފެއާ ޕްލޭ ޓީމަކީ ކުނަހަންދޫ އެފްޓީ އެވެ.