އެޕެކްސް އެކެޑަމީ ރަނގަޅަށް ގެންގޮސްފިއްޔާ، ރާއްޖޭގެ ނަމްބަރ ވަން އަށް ވުން އެކަށިގެންވޭ: ޑުންގާ
Apex academy rangalhah gengosfiyya, raajjeyge number one ah vun ekasheegen vey: Dunga

ލާމު އެޕެކްސް ސްޕޯޓްސް އެކެޑަމީ (ލަސާ) މިހާރު ކުރިއަށްގެންދާ ގޮތަށް ރަނގަޅަށް ގެންގޮސްފިއްޔާ ރާއްޖޭގެ ނަމްބަރ ވަން އަށް ވުން އެކަށީގެންވާ ކަމަށް ރާއްޖޭގެ ތަޖުރިބާކާރު ކޯޗު، އަހުމަދު ޝަރީފް (ޑުންގާ) ބުނެފިއެވެ.
“ލާމު އެމްވީ” އަށް ދިން އިންޓަރވިއުއްގައި ޑުންގާ ބުނީ ލަސާ އެކަޑަމީގެ މަސައްކަތްކުރަނީ ވަރަށް އިތުބާރު ހިފޭ ، ޓެކްނިކަލް ކުދިންތަކެއް ކަމަށެވެ.
“އަޅުގަނޑު މިތަނަށް އައިސް އެކުދިންނާ ދިމާވީ މީގެ ދޮޅު އަހަރެއްހާ ކުރިން. އެކުދިންނާއެކު ދެހަފުތާ ވަރު ހޭދަކުރިން. ކޯޗުންތަކެއް ތަމްރީނުވެ ކުޅުންތެރިންނަށް އިރުޝާދުތަކެއް ދެވި، ބެލެނިވެރިންނާ ވާހަކަދެކެވި، ވަރަށް ފުޅާކޮށް އެކަން ކުރިއަށްގެންދެވުނު.”
ޑުންގާ ބުނީ އެކެޑަމީގެ ކުޅުންތެރިންގެ މެންޓަލިޓީއާ، މެޗު ފިޓްނަސް ވަރުގަދަ ކަމަށާއި އޭގެ ނަތީޖާ އަކީ ބޭރު ގައުމުތަކަށް މުބާރާތްތަކަށް ފުރާ އެކެޑަމީތައް ވެސް އެންމެ ފުރަތަމަ ވެސް ލަސާ އެކެޑަމީއަށް ލޯ އެޅުން ކަމަށެވެ. ޑުންގާ ބުނީ އެއީ ކޯޗުންގެ ބުރަ މަސައްކަތް އަދި ބެލެނިވެރިންގެ ސަޕޯޓްގެ ފޮނި ނަތީޖާ ކަމަށެވެ.
“ކޮންމެތާކު ހުއްޓަސް އެޕެކްސް އެކެޑަމީއާ ކުޅުންތެރިންނާ ގުޅޭނެ. ޓެކްނިކަކަލީ އެޕެކްސް އެކެޑަމީ ގެ ފަހަތުގައި ހުންނާނަން. ދިމާވާ ކޮންމެ މައްސަލައެއް ހައްލު ހޯދުމަށް އަބަދުވެސް މަސައްކަތްކުރާނަން.”
ޑުންގާ ބުނީ ރަނގަޅަށް ލަސާ އެކަޑަމީ ކުރިއަށްގެންގޮސްފިއްޔާ ރާއްޖޭގެ އެންމެ ކުރީ ސަފުގައި ހިމެނޭނެ އެކެޑަމީއަކަށް ލަސާ އެކަޑަމީ ވާނެ ކަމަށެވެ.