އާންމު ތަންތަން ދިއްލުމަށް ކައުންސިލުތަކަށް ޑޮމެސްޓިކް ރޭޓުން ބިލް ކުރަން ރައީސް ނިންމަވައިފި
Aanmu Thanthan Dhihlumah Counci Thakah Domestic Rate inn Bill kuran Raees Ninmavaifi

މަގުތަކާއި އާންމު ތަންތަން ދިއްލުމަށް ކައުންސިލުތަކަށް ބިލް ކުރާނީ ޑޮމެސްޓިކް ރޭޓުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފިއެެވެ.
ރައީސް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ،1 ޖެނުއަރީ 2026 އިން ފެށިގެން، ރާއްޖޭގެ ހުރިހާ ސިޓީތަކާއި ރަށްރަށުގައި މަގުތަކާއި އާންމު ތަންތަން ދިއްލުމަށް ކައުންސިލް ތަކަށް ފެނަކަ/ސްޓެލްކޯ އިން ބިލް ކުރާނީ ޑޮމެސްޓިކް ރޭޓުން ކަމަށެވެ. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން މުނިސިޕަލް އެހެން ހިދުމަތްތަކަށް ޚަރަދު ކުރަން ލިބޭ އަދަދު ބޮޑުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ ކުރިން މަގުތަކާއި އާންމު ތަންތަން ދިއްލުމަށް ބިލް ކުރަމުން ދިޔައީ ގަވަރމެންޓް ރޭޓުނެވެ. ގަވަރމަންޓް ރޭޓުތައް ފެށެނީ 100 ޔުނިޓަށް 4.50ރ އިންނެވެ. އަދި ޑޮމެސްޓިކް ރޭޓްތައް ފެށެނީ 100 ޔުނިޓަށް 1.25ރ އިންނެވެ.
ކައުންސިލްތަކަށް ޑޮމެސްޓިކް ރޭޓުން ބިލްކުރަން ރައީސް ނިންމަވާފައިވާއިރު، މިދިޔަ އަހަރު އެމަނިކުފާނު ވަނީ މިސްކިތްތަކުގެ ކަރަންޓް ބިލްވެސް ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ގޮތަށް ހަމަޖައްސަވައިފައެވެ.