ފޮނަދޫ ކައުންސިލްގެ 7 ވަނަ ފުޓްސަލް މުބާރާތް ފެށިގެން ކުރިއަށް ދަނީ
Fonadhoo Council ge 7 Vana Futsal Mubaarai Feshigen Kuriah Dhanee

ލ. ފޮނަދޫ ކައުންސިލްގެ 7 ވަނަ ފުޓްސަލް މުބާރާތް ފެށިގެން ފޯރިގަދަކަމާއެކު ކުރިއަށް އެބަދެއެވެ.
14 ޓީމް ބައިވެރިވެފައިވާ މިމުބާރާތް ފަށާފައިވަނީ 12 ސެޕްޓެމްބަރު 2025 ވީ ހުކުރު ދުވަހުގެ ރޭގައެވެ. ގުރޫޕް ސްޓޭޖުގައި ކޮންމެ ރެއަކު 3 މެޗު ކުޅުމަށްވަނީ ތާވަލުކުރެވިފައެވެ.
މުބާރާތް ފެށިގެން ދިޔައީ ހަފެލެ އެފް.ސީ އާއި ލެކްރޮސް އެފްސީގެ ފޯރިގަދަ މެޗަކުންނެއެވެ. 10-1 ގެ ނަތީޖާއަކުން މިމެޗް ކާމިޔާބު ކޮށްފައިވަނީ ލެކްރޮސް އެފް.ސީ އިންނެވެ. ދެވަނަ މެޗުގައި ވެލާ ޓީމްކޮޅަށް 9 ލަނޑުޖަހާ ސޭންޑްސް އޮފް ލާމުން ވަނީ އެމެޗު ކާމިޔާބު ކޮށްފައެވެ. ފުރަތަމަރޭގެ ފަހު މެޗުގައި ބިގްޝޮޓްސް އާއި އެލް.ވައި.ޑީ ބައްދަލުކޮށް 8-0 ގެ ނަތީޖާއަކުން މޮޅުވީ އެލް.ވައި.ޑީ އެވެ.
ދެވަނަރޭގެ ފުރަތަމަ މެޗުގައި ކިޔު.އެމް ސްޕޯރޓްސް ކޮޅަށް 22 ގޯލް ޖަހާ މެޗު ކާމިޔާބުކުރީ އަފޭންނެވެ. މިއީ މިހާތަނަށް މިމުބާރާތުގެ މެޗަކުން އެންމެގިނަ ގޯލުޖަހާފައިވާ މެޗެވެ. ދެވަނަ މެޗުގައި ހަފެލެ އެފް.ސީ އާއި ބިގްޝޮޓްސް ވާދަކޮށް 6-1 ގެ ނަތީޖާ އަކުން މެޗް ކާމިޔާބުކޮށްފައި ވަނީ ހަފެލެ އިންނެވެ. ވަރަށް ފޯރިގަދަ ކުޅުމަކަށްފަހު ދެވަނަރޭގެ ފަހުމެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއްނުޖެހިއެވެ. މިމެޗުގައި ވާދަކުރީ ލެކްރޮސް އެފް.ސީ އާއި އެލް.ވައި.ޑީ އެވެ.
ލ. ފޮނަދޫ ކައުންސިލްގެ 7 ވަނަ ފުޓްސަލް މުބާރާތުގެ ގްރޫޕް ސްޓޭޖުގެ 3 މެޗު މިރޭވެސް ކުޅެވިގެން ދާނެއެވެ. މިރޭގެ ފުރަތަމަ މެޗް ފެށުމަށް ހަމަޖެހިފައިވަނީ 20:15 ގައެވެެ. މިމެޗުގައި ވާދަކުރާނީ ވެލާ އަދި ކިޔު.އެމް ސްޕޯރޓްސް އެވެ. މިރޭ 21:15 ގައި އޮންނަ ދެވަނަ މެޗުގައި ވާދަ ކުރާނީ ސޭންޑްސް އޮފް ލާމު އަދި އަފޭން އެވެ. މިރޭގެ ފަހު މެޗުގައި ކުޅެން ހަމަޖެހިފައި ވަނީ ލެކްރޯސް އެސްސީ އަދި ބައްރު ކްލަބެވެ.