ޕްރިޒަން އޮފިސަރ ޓްރޭނީގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
Prison officer traineege vazeefaa ah kurimathilumuge furusathu hulhuvaalaifi

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ޕްރިޒަން އޮފިސަރ ޓްރޭނީގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިކަން ހާމަކޮށް ކަރެކްޝަންސް އިން ކޮށްފައިވާ އިއުލާނުގައި ވަނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންވާ ޝަރުތުތައްވެސް ހާމަކޮށްފައެވެ. އެގޮތުން، ދިވެހި ރައްޔިތެއްކަމުގައިވުމާއި ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން ނުވަތަ ގްރޭޑް 10 ނިންމާފައިވުން، އުމުރު 18 އަހަރު ފުރި 35 އަހަރު ނުފުރޭ މީހަކު ކަމުގައިވުން ހިމެނެއެވެ.
މީގެއިތުރުން، ޕްރިޒަން އޮފިސަރެއްގެ ވަޒީފާ އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހަކު ކަމުގައި ވާންޖެހެއެވެ. އަދި ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުންވެސް ޝަރުތުތަކުގައި ހިމެނެއެވެ.
މި މަގާމަށް ކަނޑައެޅިފައިވާ މުސާރަ އަކީ މަހަކު 6،050ރ. އެވެ. އަދި ޓްރެއިނިންއަށް ފަހު އަސާސީ މުސާރަ އަކީ 15،072 ރުފިޔާ ކަމަށް އިއުލާންގައި ވަނީ ބުނެފައެވެ. ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 20 ވަނަ ދުވަހުގެ 18:00 އެވެ.
ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރޭގައި ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަންއޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ނަކަލަކާއި ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލާއެއްގޮތްކަމުގެ ތައްގަޑު ޖަހާފައިވާ ނަކަލު އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) ހިމެނެއެވެ.
އަދި ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ސާފު ކޮޕީއަކާއި ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ސާފު ކޮޕީއެއްގެ އިތުރުން ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއަކާއި އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ކޮޕީއެއް އަދި ޕޮލިސް ރިޕޯޓްވެސް ހުށަހަަޅަން ޖެހެއެވެ.
ވަޒީފާއަށް އެދޭ ފޯމް ކަރެކްޝަންސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.މިކަމާ ގުޅޭ އިތުރު މައުލޫމާތު 3026114 އަށް ގުޅައިގެން އަދި 9112451 އަށް ވައިބާކޮށްގެން ލިބޭނެއެވެ.




