ޒުވާނުން އިސްނަގައިގެން ދަނބިދޫގައި ވޮލީ ކޯޓެއް ތަރައްގީކުރަނީ
Zuvaanun isnagaigen dhanbidhoogai volley court eh tharahgee kuranee

ޒުވާނުން އިސްނަގައިގެން ލ.ދަނބިދޫގައި ވޮލީ ކޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތަކީ ދަނބިދޫގެ ޒުވާނުން އިސްނަގައިގެން ހެޔޮ އެދޭ ފަރާތްތަކާއި ދަނބިދޫ ކައުންސިލް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އަދި ދަނބިދޫގެ ފެނަކަ ބްރާންޗު ގެ އެހީތެރިކަމާއެކު ކުރާ މަސައްކަތެކެވެ.
މަސައްކަތާ ގުޅިގެން މައުލޫމާތު ދެއްވަމުން ، މަސައްކަތުގައި އިސްކޮށް އުޅުއްވާ ފަރާތެއް ކަމުގައިވާ އަޙްމަދު ޝާކިރު ވިދާޅުވީީ މިއީ ކޮފީއެއްގަ ތިބެގެން ދެކެވުނު ވާހަކައެއް ކަމަށެވެ.
ޝާކިރު ވިދާޅުވީ މި މަސައްކަތުގެ މަޤުސަދަކީ މިރަށުގައި ވޮލީ ކޯޓްއެއް ނެތުމުން ، ޒަމާނީ ފެންވަރުގެ ވޮލީ ކޯޓެއް ގާއިމްކޮށް، ޒުވާނުން ވޮލީ ކުޅުމަށް ޝައުގުވެރިކަން އިތުރުކުރުން ކަމަށެވެ.
މީގެއިތުރުން، ޒުވާނުންތެރޭގައި އިޖުތިމާއީ ގުޅުން ބަދަހި ކުރުމާއި، ޒުވާނުން ދުޅަހެޔޮ ކުރުމާއި ، އަދި މިފަދަ އިޖުތިމާއީ އެކި އެކި ކަންކަމުގަ ވޮލެންޓެއާރކޮށް ނިކުމެ އުޅޭ ޒުވާނުން ގިނަ ކުުރުންކަމަށް ޝާކިރު ވިދާޅުވިއެވެ. މި މަސައްކަތުގައި އެރަށުގެ ގިނަ ޒުވާނުންގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަން ޝާކިރު ވަނީ ފާހަގަކުރައްވާފައެވެ. ޝާކިރު ވިދާޅުވީ އެއްވެސް ބަޖެޓް އެއް ނެތި ފަށަފައިވާ މަސައްކަތެއް ކަމުން، ނިންމާލެވޭނޭ ތާރީހެއް ބުނަން އަދި ދަތި ކަމަށެވެ.
“އިރާދަ ކުރެއްވިއްޔާ މޫސުން ތަންދޭނަމަ، މިމަސް ނިމުމުގެ ކުރިން ފެންސްގެ މަސައްކަތް ނިންމާލެވޭނެ. އަދިވެސް އިތުރަށް މި މަސައްކަތް ފުރިހަމަކޮށް ނިންމާލުމަށްޓަކާ ވަރަށް ގިނަ މަސައްކަތް އެބަހުރި ، އިތުރު އެހީތަށް ބޭނުންވާނެ. އިތުރު އެހީތައް ހޯދުމަށް މިދަނީ މަސައްކަތްކުރަމުން.”
ޝާކިރު ވިދާޅުވީ މި މަސައްކަތާ ގުޅިގެން ޒުވާނުންތެރޭގައި އޮންނަ އިޖުތިމާއީ ގުޅުން ވަރުގަދަވަމުން ދާކަމަށެއެވެ. އިތުރަށް ވިދާޅުވީ އުއްމީދަކީ އެކުވެރިކަމާ އެއްބައިވަންތަ ކަންމަތީ ތިބެގެން، މިމަސައްކަތް ފުރިހަމަކޮށް ނިންމާލުން ކަމަށެވެ. ޝާކިރު ވަނީ މި މަސައްކަތަށް އެކި އެކި ގޮތްގޮތުން އެހީތެރިކަން ވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައި، މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވާ ފަރާތްތަކާއި ރަށުގެ އެންމެހާ ޒުވާނުންގެ ފަރާތުން އެއްބާރުލުން ދިން އެންމެނަށް ޝުކުރު އަދާކުރައްވާފައެވެ.




