ކުނަހަންދޫގެ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދޭނަން: ރައީސް

Kunahandhoo ge fenboduvumuge massala ah dhaaimee hahleh hoadhai dheynan: Raees

ލ. ކުނަހަންދޫގެ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ރަނގަޅު ހައްލެއް ހޯދައިދެއްވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މި ޔަގީންކަން ދެއްވީ ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކުނަހަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައެވެ.

ރައީސް ވިދާޅުވީ ފެންބޮޑުވުމުގެ މައްސަލައަކީ ކުނަހަންދޫއަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށާއި މަގުހެދުމުގެ މަޝްރޫއާ ގުޅުވައިގެން އެ ދެ މައްސަލައަށްވެސް ދާއިމީ ރަނގަޅު ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ. ރައީސް ވަނީ ކުނަހަންދޫ ކައުންސިލާއެކު، މަގު ހެދުމުގެ މަޝްރޫއުގައި ސޮއިކުރައްވާފައެވެ.

ކުނަހަންދޫގެ އާންމު ރައްޔިތުން ވަނީ ކުނަހަންދޫގައި ހުއްޓިފައި އޮތް ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް އަލުން ފައްޓަވައިދެއްވުމަށާއި މިއަދު ސޮއިކުރެއްވި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވައި ނިންމަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންފައެވެ.ވެ. އަދި މަގުތަކުގައި ހިނގާބިނގާވެ އުޅުމަށް ހުރި ދަތިތައް ހިއްސާކުރެއްވުމުގެ އިތުރުން، ރަށު ސްކޫލުގެ މަސައްކަތް މިހާރު އެހެން ފަރާތަކާއި ހަވާލުކުރެވިފައިވީނަމަވެސް މި މަސައްކަތް ދާގޮތް ގާތުން ބައްލަވައިދެއްވުމަށްވެސް ރައްޔިތުން އެމަނިކުފާނުގެ އަރިހުން އެދިވަޑައިގަތެވެ.

ރަށު ރައްޔިތުން ފާހަގަކުރެއްވި ބައެއް އެހެން ކަންކަމުގެ ތެރޭގައި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި ޖަލްސާތައް ބޭއްވުމަށް ހޯލެއް ނެތުމުން ދިމާވާ ދަތިތަކުގެ އިތުރުން ރަށުގައި އެކަށީގެންވާ ސިއްހީ ފަރުވާގެ ހިދުމަތް ދެވެން ނެތުމުގެ މައްސަލަ ހިމެނެއެވެ.

ރައީސް ވިދާޅުވީ އެރަށުގެ ރައްޔިތުންގެ ކަންބޮނޑުވުންތަކަށް ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން، ވަރަށް އިސްކަންދެއްވައިގެން، ވަރަށް ރަނގަޅަށް ގެންގޮސް ނިންމަވައިދެއްވާނެ ކަމަށެވެ. އަދި ކުނަހަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އިތުރުން، މޫދަށް އެރޭ ސަރަހައްދެއް ވެސް ތަރައްގީ ކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން، ސްކޫލުގެ މަސައްކަތް ފެނަކަ އާއި ހަވާލުކޮށްގެން ކުރިއަށްދާ ކަމަށާއި، މޫސުން ތަންދިނުމުން ބޭނުންވާ ސާމާނު ގެނެސް އަންނަ ދިރާސީ އަހަރަށް އެ މަސައްކަތް ފެނަކައިން ކޮށްދެއްވާނެކަމަށް އުއްމީދު ކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ލ. ކުނަހަންދޫ ކައުންސިލަށް އެރުވި ހަނދާނީ ފިލާ ހަވާލުކޮށްދެއްވުމަށްފަހުގައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments