ލ. ގާދޫ މެރިޓައިމް ހަބް މަޝްރޫޢުގެ ސާވޭ ފަށައިފި

ލ. ގާދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ”އިންޓަގްރޭޓަޑް މެރިޓައިމް ހަބް“ގެ ކޮންސެޕްޓްއާ ގުޅޭ ސާވޭގެ މަސައްކަތްތައް ފަށައިފިއެވެ.
މި މަހުގެ 11 ވަނަ ދުވަހު މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން މި މަސައްކަތް ހަވާލު ކޮށްފައިވަނީ ޗައިނާގެ ސީ.އޭ.އެމް.ސީ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓަޑް، ސީ.އޭ.އެމް.ސީ.އީއާ އެވެ. މި މަޝްރޫޢު ކުރިޔަށް ގެންދިއުމުގައި ބޭނުންވާ ސާވޭ ހެދުމަށް އެމްޕީއެލް އާއި ސީ.އޭ.އެމް.ސީ.އީގެ ޓީމެއް ވަނީ މިހާރު ގާދުއަށް ގޮސްފަ އެވެ.
ގާދޫއަކީ ގުދުރަތީ ގޮތުން މުއްސަނދި، ވެލާ އަރާ ރަށަކަށްވުމުން، މި މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ތިމާވެއްޓާ ރައްޓެހި ގޮތަކަ ށެވެ. އެގޮތުން، ވެލާ އަދި ކަހަނބު އަރާ ސަރަހައްދު ހިމާޔަތްކޮށް، ކޮންސަވޭޝަން އަދި ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ. އަދި މި މަސައްކަތްތައް ކުރުމުގައި ތިމާވެއްޓާއި ބެހޭ ވުޒާރާއާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ލަފާ ހޯދުމަށް ވަނީ ނިންމާފަ އެވެ.
މި މަޝްރޫޢުގެ ދަށުން ރާއްޖޭގައި މުޅިން އަލަށް ތަޢާރަފްކުރާ ކްރޫޒް ޓަރމިނަލެއް ތަރައްޤީ ކުރެވިގެންދާނެ އެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްޤީކުރާ އީކޯ ރިސޯޓު ހެދުމަށް ރާވާފައިވާއިރު، ސުޕާ ޔޮޓް މެރީނާއެއްވެސް ޤާއިމްކުރެވޭނެއެވެ. މީގެ އިތުރުން ”އޮފް ޝޯ ބަންކަރިންގ“ އަދި ޓްރާންޝިޕްމަންޓް ބަނދަރެއްގެ ޚިދުމަތްވެސް ފޯރުކޮށްދޭން ވަނީ ނިންމައިފަ އެވެ.
ގާދޫގައި ކުރިޔަށްގެންދާ މި މަޝްރޫޢޫ ނިމުމުން ލ. އަތޮޅަށާއި ރައްޔިތުންނަށް އެކި ގޮތްގޮތުން ފައިދާވެގެންދާނެ އެވެ.